28 Nov 2012, 11:08
އަންނަ ފުޓްބޯޅަ ސީޒަނުގައި ކުޅޭނީ ނިއު ރޭޑިއަންޓް ނޫނީ މާޒިޔާ އަށް ކަމަށް އީގަލްސްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.
ނިމިދިޔަ ސީޒަނުގައި ބޮޑު އަގަކަށް އީގަލްސް އަށް ބަދަލުވި ބަކާ ބުނީ އޭނާ ކުޅޭނެ ޓީމެއް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.
"ނިއު ނޫނީ މާޒިޔާ އިން ފެންނާނީ. އީގަލްސްގައި ވެސް ރަނގަޅު ޓީމެއް ނެތީމަ އެހެން ކުލަބަކަށް ދާން މިނިންމީ،" ބަކާ ބުންޏެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ހޯދުމަށް ނިއު އާއި މާޒިޔާ މަސައްކަތް ފަށައިފައިވާއިރު މި ދެ ކުލަބަކީ ވެސް އަންނަ އަހަރުގެ އޭއެފްސީ ކަޕް ކުޅޭނެ ދެ ޓީމެވެ. އަދި ބަކާ އަކީ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން މިވަގުތު ކުޅޭނެ ކުލަބެއް ނުނިންމައިހުރި ހަމައެކަނި މިޑްފީލްޑަރެވެ.
އައިއެފްސީން ކެރިއަރު ފަށައި ވީބީ އާއި ވެލެންސިއާ އަދި ވިކްޓަރީ އާއި ނިއު އަށް ވެސް ކުރިން ކުޅުނު ބަކާ އަކީ ގައުމީ ޓީމުގެ މެދުތެރޭގެ މައިތަނބެވެ.