ތަފާތު އެކި ކުށްކުށުގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިންމާފައި ހުރި މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ނ. ޅޮހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 38 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ރޭ 11:45 އެހާކަންހާއިރު ޅޮހީ މަގުމަތިން ކަމަށެވެ. އަދި އޭނާއަކީ ނ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ އެއްލާލި ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެއްތި ކަމަށް ޝައްކު ކުރެވޭ 63 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ޅޮހީގެ އިތުރުން ފުލުހުން ވަނީ ރޭ އދ. މަހިބަނދޫން ވެސް މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފަ އެވެ. ރޭ 9:40 އެހާކަންހާއިރު އެ ރަށުން 27 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 10 ހޮޅި ކޮޅާއި ރަބަރު ޕެކެޓެއް އޭނާލައިގެން ހުރި ފަޓުލޫނުގެ ޖީބުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.