އިބްރާހިމް ހުސެއިން ޒަކީ އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ނަވާރަސަތޭކަ ސާޅީސް ހަތް ވަނަ އަހަރު ވެރިރަށް މާލެ އަށް އުފަންވެ ވަޑައިގަތް ޒަކީ އާންމު ގޮތެއްގައި ތައުލީމު ޙާސިލު ކުރެއްވީ ރާއްޖޭގަ އެވެ. އޭގެ ފަހުން އިންޑިޔާ، އޮސްޓްރޭލިއާ، އަދި އެމެރިކާ ފަދަ ތަންތަނުގައި މަސައްކަތާ ގުޅޭގޮތުން ޒަކީ ވަނީ އުނގެނިވަޑައިގެންފަ އެވެ. އޭނާ އަކީ ޑިޕޮލަމެޓިކް ދާއިރާގައި މަގުބޫލުކަން ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ވެސް އަދި ރައީސް ނަޝީދު ސަރުކަރުގައި ވެސް ޒަކީ އުޅުއްވީ ޗާޓުގެ ތެރޭގަ އެވެ.

ދެހާސް ތިން ވަނަ އަހަރު ކެބިނެޓުން ވަކި ކުރުމަށް ދާނދެން ޒަކީ ހުންނެވީ މައުމޫނުގެ ފަހަތްޕުޅުގަ އެވެ. ތިނެއް ނޮވެމްބަރުގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ބިރުވެރި ދުވަސްވަރުގައި ވެސް ޒަކީ ވަނީ ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެ ދުވަހު އިންޑިއާ ސިފައިންގެ އެހީތެރިކަން ހޯދުމުގައި ވެސް ޒަކީގެ ރޯލު ވަރަށް ބޮޑެވެ. އޭރު ޒަކީ ފުރުއްވަމުން ގެންދެވީ މައުމޫނު ސަރުކާރުގެ ފޮރިން ސެކެރެޓަރީ ކަމުގެ މަގާމެވެ.

މައުމޫނުގެ ސަރުކާރުން 2003 ވަނަ އަހަރު ބާކީ ވުމުން އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ތެދުވި އެވެ. އެކަމުގެ ސަބަބުން ޒަކީއާ މެދު އެއްބައެއްގެ ހިތުގައި ނަފްރަތު އުފެދުނު އިރު އަނެއް ބަޔަކަށް ޒަކީ ވެގެންދިޔައީ ވަރަށް މަގުބޫލު ބޭފުޅަކަށެވެ. ރައީސް މައުމޫނަށް "ހަރާންކޯރު"ވީ ކަމަށް ބުނެ އެއްބަޔަކު ވާހަކަ ދެއްކި އިރު އަނެއްބަޔަކު ބުނަމުން ދިޔައީ ޒަކީއަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެ އަށް ދިން އުދުވާނުގައި ގައުމަށް ވަފާތެރިވި ޚިދުމަތްތަކެއް ކޮށްދެއްވި ބަތޮލެއް ކަމަށެވެ.

މައުމޫނު ސަރުކާރު ވެއްޓުމަށް ފަހު ދެން އައި ނަޝީދުގެ ސަރުކާރުގައި ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނަވައިގެން 4 ނޮވެމްބަރު 2009 ވަނަ ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްގައި އޮތް ޕްރޮގްރާމެއްގައި ޒަކީ ވާހަކަ ދައްކަވަމުން މައުމޫނާއި ނޮވެމްބަރު ތިނަކާ މަތި ކުރެއްވި އެވެ. ޒަކީ ވިދާޅުވެފައި ވަނީ ތިނެއް ނޮވެމްބަރުގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ "އަނިޔާވެރި ޑިކްޓޭޓާޝިޕް" ވެރިކަމުގެ ސަބަބުން ކުރިމަތިވީ ކާރިސާއެއް ކަމަށެވެ. އަދި ގާނޫނާއި ގަވައިދާއި ޑިމޮކްރެޓިކް އުސޫލުތަކަށް މައުމޫނު އިހުތިރާމް ކުރެއްވި ނަމަ ތިނެއް ނޮވެމްބަރުގެ ބަޣާވާތާއި ދިވެހިން ކުރިމަތިލާން ނުޖެހުނީސް ކަމުގައި ވިދާޅުވެ މައުމޫނަށް ފާޑު ވިދާޅުވި އެވެ. އަދި އެ ދުވަހުގެ އެއްވެސް މައުލޫމާތެއް ކުރިން ޒަކީ އަށް އެނގިފައި ނުވާކަމަށް ވިދާޅުވެ ހުވާ ކުރެއްވި އެވެ.

ނަމަވެސް ނޮވެމްބަރު ތިނެއް އައުމުގެ ތިން މަސް ކުރިން ސްރީލަންކާގައި ޒަކީ ހުންނެވި ކޮޓަރި ތެރެއިން އުމާން މަހޭޝްވަރަމްއާ ބައްދަލުވި ކަމަށާއި ނަމަވެސް އޭރު އެއީ ކާކުކަން އެނގިވަޑައި ނުގަންނަވާ ކަމަށް ޒަކީ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތިންމަސް ފަހުން ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ކައިރީގައި އޭނާ މަރާލާފައި އޮއްވައި ފެނުމުން އެދުވަހު އޭނާގެ ކޮޓަރި ތެރެއިން ބައްދަލުވީ އޭނާއާ ކަން ޔަގީންވި ކަމަށް ވިދާޅުވި އެވެ. އަދި ޒަކީ ވެސް އެކަމުގައި ނުބެދި ސަލާމަތްވެވުނީ މަރުހޫމް ފަތްހުﷲ ޖަމީލުގެ ހެޔޮފުޅު ކަމުން ކަމަށް ވިދާޅުވެ ޒަކީގެ ވާހަކަތަކުން އެތައް ބައެއްގެ ހިތުގައި ސުވާލު އުފެއްދުމަށް ފަހު އިއުލާން ކުރެއްވީ ނޮވެމްބަރު ތިނެއްގެ ވަހަކަ ދެއްކުން ނިމުނީ ކަމަށެވެ.

ޒަކީ އެހެން ވިދާޅުވުމާ ގުޅިގެން ސައިހޮޓާތަކާއި އާއްމުން އެއްވެ އުޅޭ ތަންތަނުގައި ވެސް ޒަކީ އަކީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރި ވެފައިވާ ނުރައްކާތެރި މީހެއްގެ ގޮތުގައި ވާހަކަ ދައްކައި އުޅުނެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ ހދ. ހޮޑައިދޫ އަށް ވަޑައިގެން އެ ރަށުގައި "ބަނގުރާ" ހިއްޕެވި ކަމުގެ ތުހުމަތުގައި ހައްޔަ ކުރުމަށް ފަހު ބޭހަށް އިންޑިއާ އަށް ވަޑައިގެން ދެއްކެވި ވާހަކަތަކުން ޒަކީގެ އިހުލާސްތެރި ކަމާ މެދު ސުވާލުުއުފެއްދުމަށް ޖާގަބޮޑުވި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވި އިރު ޒަކީ ހުންނެވީ މައުމޫނު ސަރުކާރުގެ ފޮރިން ސެކެރެޓަރީ ކަމުގެ މަގާމުގަ އެވެ. ނޮވެމްބަރު ތިނެއް ގެންނަން ރޭވީ ރައީސް މައުމޫނު ރާއްޖޭގައި ނެތީސް ކަމަށްވާ އިރު ރައީސްގެ ދަތުރުފުޅާ ބެހޭ ގޮތުން ސިންގަޕޫރުގައި ހުރެގެން ލުތުފީ އަށް މައުލޫމާތު ފޯރުކޮށްދިނީ ސިއްކަ އަހުމަދު އިސްމާއިލް މަނިކުކަން ޝަރީއަތަށް ވަނީ ސަބިތުވެފަ އެވެ. އޭނާއާ ހަމައަށް ދިވެހި ޚާރިޖިއްޔާގެ ތެރެއިން އެ މައުލޫމާތު ވާސިލް ކޮށްދިނީ ކާކުކަން ވަނީ ކަށަވަރު ނުވެފަ އެވެ.

ޒަކީގެ ހަޔާތުން ދެން ހުޅުވާލި ސޮފްހާ އަކީ ގިނަ ބަައެއްގެ ނަޒަރު އެކަމަކަށް ހުއްޓުވި ސޮފްހާ އެކެވެ. "ބަނގުރާ" ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އަދި ފުލުހުން ކުރި ކަމަށް ބުނާ "އަނިޔާ އަށް" ބޭސް ކުރަން ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ނޫސްތަކަށް ޒަކީ ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ، ޖީއެމްއާރާ ދެކޮޅަށް މިހާރު ކުރާ މަސައްކަތްތަކީ "ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ހަރަކާތްތަކެއް" ކަމަށެވެ. އަދި ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ އަށް އަތްގަދަކުރާ ނަމަ "އިންޑިއާގެ ސިފައިން" ރާއްޖޭގައި ބައިތިއްބީސް ކަމަށެވެ. ޒަކީގެ އެވާހަކަތަކާ ގުޅިގެން ޒަކީއާ މެދު ސިޔާސީ ފަރާތްތަކުން ކުރާ ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ ޒަކީ ދައްކަވަމުން ގެންދަވާ ވާހަކަތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ލިބިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް ނުރައްކާވެދާނެ ކަމަށެވެ. ޒަކީއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ވެއްދި އެވެ. އެދުވަހު ޒަކީއާ މެދު ޝަރީއަތް ހިންގައި "މަރަން" ބައެއް މެމްބަރުން ގޮވި އެވެ. ޒަކީއަށް އަރުވާފައިވާ ނިޝާނުލް ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަޤަބް ޒަކީގެ ކިބައިން ނެގުމަށް އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލި އެވެ. ޒަކީގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ ރާއްޖެ އަށް އިންޑިއާގެ ސިފައިން ގެންނާނެ ކަމަށް ވިދާޅުވެ ޒަކީ ދެއްކެވި ވާހަކަތަކީ ތިނެއް ނޮވެމްބަރު 1988ގައި "ވަސަންތީ" އިސްކޮށް ހުރެގެން ރާއްޖެ އަށް ހަމަލާ ދިނުން ފަދަ ކަމެއް ކަމަށެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލައިގައި އެންމެ އިސްކޮށް ހުރި އުމާ މަހޭޝްވަރަން ޒަކީ ލަންކާގައި ހުންނެވި ކޮޓަރިން ދިމާވި ކަމަށް އެއްބަސް ވުމަށް ފަހު ދެން އިތުރަށް އެކަމާ ބެހޭ ގޮތުން ސުވާލު ކުރިޔަސް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވުމާއި ސިއްކަ އިސްމާއިލް މަނިކަށް ސަރުކާރުގެ ތެރެއިން މައުލޫމާތު ފޯރު ކޮށްދެވިދާނެ ފަދަ މަގާމެއްގައި އޭރު ޒަކީ ހުންނެވުމާއި، ސިޔާސީ ބައެއް ބޭފުޅުން ޒަކީއަށް ކުރާ ތުހުމަތުތަކާއި އިންޑިއާގެ ނޫސްތަކަށް ރާއްޖެއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރިޔާޔަތްކުރާ އިރު ޒަކީ އަކީ އެ ތުހުމަތުތަކުން ބަރީއަވެފައިވާ ބޭފުޅެއް ކަމަށް ބުނުމުގެ ޖާގަ ވަރަށް ވެސް ހަންޏެވެ.