21 Sep 2010, 15:34
މޯލްޑިވްސް މީޑިއާ ކައުންސިލަކީ ހަރުދަނާ ތަނެއް ނޫން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ދެއްކެވި ވާހަކައަށް ރައްދުދީ އެ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
މިއަދު އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ "ޒުހައިރު ދި ޓީވީގައި ދައްކާފައިވާ ވާހަކައަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ގޮތަކަށް" ދައްކަވާފައިވާ ވާހަކައެއް ކަމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ޒިންމާ ބޮލުގައި އަޅާފައިވާ ކައުންސިލުން ބުނެފައި ވަނީ އެ ކައުންސިލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ "ކައުންސިލްގެ ޅަފަތުގައި މި ކައުންސިލް މަރުވެގެން ނުދާނޭ ފަދަ އޮނިގަނޑެއް އެކުލަވާލައި" ކައުންސިލްގެ މަސައްކަތް ތަރުތީބު ކުރުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކައުންސިލަށް އެކިއެކި ޝަކުވާ ހުށަހެޅޭ ކަމަށާއި ނަމަވެސް ކައުންސިލްގެ ގަވައިދު އެކުލަވައިލައި ނުނިމޭތީ އެކަންކަމާ މެދު ފިޔަވަޅުއެޅިފައި ނުވާ ކަމަށެވެ. އަދި ކައުންސިލް ފުރިހަމަ ގޮތުގައި ހިންގުމަށް އިދާރީ މުވައްޒަފުންނާއި އަސާސީ ވަސީލަތްތައް މުޅިން ހަމަޖެހިފައި ނުވާތީ ކައުންސިލް ހިންގުމަށް "ބޮޑެތި ގޮންޖެހުންތައް ހުރިކަން ވެސް" ފާހަގަކޮށްފައިވެ އެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި މީޑިއާގެ ވެށީގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށާއި އަދި އެކަންކަމަކީ އެ ކައުންސިލުން މިހާރު ވެސް "ފާރަވެރިވަމުން އަންނަ ކަންކަން" ކަމަށެވެ.
"އަދި އެންމެހާ ކަންކަމާ ގުޅިގެން މި ކައުންސިލުން އަޅަން ގަސްތުކޮށްފައިވާ ފިޔަވަޅުތައް ކައިރި މުސްތަގުބަލެއްގައި ރައްޔިތުންނަށް ފެނިގެންދާނެ" ކަމަށް ވެސް ދެ ސަފުހާގެ މައްޗަށް ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ދި ޓީވީ އަށް ދެއްވި އިންޓަވިއުގައި ޕްރެސް ސެކްރެޓަރީ ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައި ވަނީ، މީޑިއާ ކައުންސިލުން ނިންމަން ޖެހޭ ބައެއް މަސައްކަތްތައް މިހާރު ވެސް ކޯޓުތަކުން ކުރަމުންދާ ކަމަށެވެ.
ޕްރެސް ސެކްރެޓަރީގެ އެ ނުކުތާ އަށް ޖަވާބު ދެމުން ބަޔާނުގައި ބުނެފައި ވަނީ އެ ކައުންސިލްގެ "އަމާޒަކީ ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރުމުގެ ސަގާފަތް އުވާލައި ސުލްހަވެރިކަމާ އެކު ކަންކަމުގެ ހައްލަކަށް ފަސޭހައިން ވާސިލުވެވޭނެ އެންމެހާ ގޮތްތައް އިސްކޮށްގެން ފިޔަވަޅުތައް އަޅަމުން ގެންދިއުން" ކަމަށެވެ.
ދި ޓީވީ އިން އެ ހަބަރު ގެނެސްދިން އިރު، ކައުންސިލްގެ ކޮމެންޓަކާ ނުލައި ހަބަރު ގެނައިސްފައި ވަނީ "ޕްރޮފެޝަނަލް މިންގަނޑުތަކާއި ބީރައްޓެހި، އަދި ޒިންމާދާރުކަން ކުޑަ އަމަލެއް" ގޮތުގައި ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ނަމަވެސް ދި ޓީވީގެ އެޑިޓަރު މިދުހަތު އާދަމް މިރޭ ވިދާޅުވީ އެ ހަބަރު ގެނެސްދިން އިރު، އެ ފަރާތުގެ ކޮމެންޓާ އެކު ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން މުޅި ހަބަރުގެ މައްފޫމަށް ބަދަލު އައިސްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާ ކައުންސިލް ވުޖޫދަށް އައިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެ ކައުންސިލުން އަދާކުރަން ޖެހޭ ޒިންމާތައް އަދާނުކޮށް ތިބެ ސަރުކާރުން މީޑިއާގެ މިނިވަން ކަމަށް ހުރަސްއަޅައި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން މީޑިއާ އަށް ގޮންޖައްސަވައި މީޑިއާގެ އެކި ފަރާތްތަކަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގޯނާ ކުރަމުންދާ އިރު ޗުއްޕު ވެސް ނުބުނެ އޮވެ އެހެން މީހުން ޒިންމާދާރު ނޫން ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ މީޑިއާ ކައުންސިލުން ނިންމަން ޖެހޭ ކަންތައްތައް ކޯޓްތަކުން ނިންމާ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.