ޤާހިރާ (ނޮވެމްބަރ 28): މިސްރުގެ ރިޔާސަތަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ރައީސް މުހައްމަދު މުރުސީ އެ ގައުމުގެ ދަސްތޫރަށް ގެންނެވި ބަދަލުތަކާ ދެކޮޅަށް މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކާއި މިސްރުގެ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެކަކު މަރުވެ 200 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

މިކުރިމަތިލުންތައް ހިނގާފައި ވަނީ ރޭގެ ވަގުތަކުގައި މަޙައްލާ ސިޓީގަ އެވެ. މިސިޓީގައި މިސްރުގެ ފުލުހުންނާއި މުރުސީ އާއިދިކޮޅު އެކްޓިވިސްޓުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެކްޓިވިސްޓުން އޮގަލުން ފުލުހުންނަށް ޙަމަލާދިނުމުން ފުލުހުން ވަނީ ކަރުނަގޭހާއި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށް އެކްޓިވިސްޓުން މައިތިރިކޮށްފަ އެވެ. މިކުރިމަތިލުންތަކުގައި މަރުވި ޒުވާނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ފުލުހުންނާއި ބޭރުގެ މުރާސިލުން ވެސް ބުނެ އެވެ.

ރައީސް މުރުސީ، މިސްރުގެ ދަސްތޫރަށް ގެންނެވި ބަދަލުތަކާ ދެކޮޅަށް ގާހިރާގެ ތަޙްރީރު މައިދާނަށް ވެސް ރޭގައި ލައްކައެއްހާ މީހުން ޖަމާވެފައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ތަޙްރީރު މައިދާނުގައި މުރުސީ އާ ދެކޮޅަށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކާއި މުރުސީއާ ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުން ކަމަށް ޚަބަރު ލިބެ އެވެ. ނަމަވެސް ޑިމޮކްރަސީ އަށް މަސައްކަތްކުރާ މަދަނީ ޖަމާއަތްތައް ވެސް މިއެއްވުމުގައި ބައިވެރިވާ ކަމަށްވެ އެވެ.

އަނެއްކޮޅުން މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ވެސް ގެންދަނީ މިލިޔަން މީހުންގެ މުޒާހަރާއެއް އޭނާ ދަސްތޫރަށް ގެންނެވި ބަދަލަށް ތާއީދުކުރުމުގެ ގޮތުން ތަހްރީރު މައިދާނުގައި ކުރުމަށް ތައްޔާރުވަމުންނެވެ. އިއްޔެ ކުރުމަށް ހަމަޖެހިފައިވާ މި މުޒާހަރާ ވަނީ ހަފްތާ ބަންދަށް ފަސްކޮށްފަ އެވެ. މިގޮތަށް ޢަމަލުކުރީ މުރުސީ އާ އިދިކޮޅު ފަރާތްތަކާއި ދެމެދު ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންކަމަށް މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މިސްރުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނެ އެވެ. (އަލްޖަޒީރާ)