ވޮޝިންޓަން (ނޮވެމްބަރ 28): އދ. ގައި ފަލަސްތީނު ތަމްސީލު ކުރާ ދަރަޖަ މަތިކުރުމަށްޓަކައި ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި ފަރަންސޭސިވިލާތުން ވޯޓުދޭނީ ފަލަސްތީނާ އެއްކޮޅަށްކަން އެޤައުމުން އިޢުލާނުކުރުމުން އެކަމާމެދު ދެރާވަކަން އެމެރިކާ ހާމަކޮށްފި އެވެ.

ފަރަންސޭސިވިލާތުގެ ނިންމުމާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާން ވިކްޓޯރިޔާ ނޮލޭންޑް ވިދާޅުވީ އެމެރިކާގެ އެންމެ ދުވަސްވީ އެއްރަޙްމަތްތެރިޔާ ކަމަށްވާ ފަރަންސޭސިވިލާތް ފަލަސްތީނުގެ ދައުލަތުގެ މައްސަލާގައި ގެންގުޅޭ ސިޔާސަތު ބަދަލުކުރުމުން ދެރަވާކަމަށާއި ނަމަވެސް ކޮންމެ މިނިވަން ގައުމަކަށް ވެސް އެގައުމަކުން ބޭނުންވާ ގޮތަށް ކަންކަން ނިމުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާ ވެސް ގަބޫލުކުރާ ކަމުގަ އެވެ. އެމެރިކާއަކީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ވެސް އަދި އދ.ގައި ފަލަސްތީނު ތަމްސީލު ކުރާ ދަރަޖަ މަތިކުރުމަށް ވެސް ދެކޮޅުހަދާ މަދުގައުމުތަކުގެ ތެރޭން އެއްގައުމެވެ.

މިހާރު އދ.ގެ ޖެނެރަލް އެސެމްބްލީން ނެގުމަށް ތައްޔާރުވަމުންދަނީ ފަލަސްތީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕީއެލްއޯ ޖަމާއަތަށް ދީފައިވާ އދ.ގެ އޮބްޒާވަރުކަމުގެ މަޤާމު ޕީއެލްއޯގެ ބަދަލުގައި ފަލަސްތީނުން އިޢުލާންކޮށްފައިވާ މިނިވަން ދައުލަތަށް ދިނުމުގެ ވޯޓެވެ. މިވޯޓަށް ތާއީދުކުރާނެކަން އދ.ގައި ހިމެނޭ 194 ގައުމުގެ ތެރޭން 135 ގައުމުން ވަނީ ފަލަސްތީނަށް ދީފަ އެވެ. މިވޯޓު ކާމިޔާބުވުމުން އދ. ފުރިހަމަ މެންބަރަކަށްނުވާ ނަމަވެސް އދ.ގެ އޮބާޒާވަރެއްގެ ގޮތުން ފަލަސްތީނުގެ ދައުލަތް ތަމްސީލުކުރުމުގެ ބާރު ލިބިގެންދާނެ އެވެ. އޭރުން ފަލަސްތީނު ވާނީ އދ.ގެ ފުރިހަމަ މެންބަރުކަން ނުލިބޭ އޮބްޒާވާ ދައުލަތަކަށެވެ. މިހާރު އޮންނަ ގޮތުން އދ.ގެ އޮބްޒާވަރުކަމުގެ މަޤާމު ދީފައިވަނީ ފަލަސްތީނުގެ ދައުލަތުގެ ބަދަލުގައި ޕީއެލްއޯ އަށެވެ.

ޖެނެރަލް އެސެމްބްލީގެ ވޯޓު ކާމިޔާބުވުމުން އދ.ގެ އެކިއެކި ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަން ލިބުމުގެ ފުރުސަތު ފަލަސްތީނުގެ ދައުލަތަށް އިތުރަށް ފަހިވެގެންދާނެ އެވެ. އެއީ ޔުނެސްކޯގެ ފުރިހަމަމެންބަރުކަން ފަލަސްތީނަށް ދީފައިވާ ގޮތަށެވެ. މީގެއިތުރުން އދ.ގެ ފުރިހަމަ މެންބަރަކަށް ވުމުގެ ފުރުސަތު ވެސް ފަލަސްތީނަށް އިތުރަށް ފަހިވެގެންދާނެ އެވެ. އދ.ގައި ފަލަސްތީނު ތަމްސީލު ކުރާ ދަރަޖަ މަތިކުރުމަށްޓަކައި ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓަށް ފަރަންސޭސިވިލާތް ތާއީދުކުރާނެ ކަން ހާމަކުރައްވާފައި ވަނީ ފަރަންސޭސިޚާރިޖީ ވަޒީރު ލޮރާން ފެބިއޮސް އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނުގެ ދައުލަތަށް އިއުތުރާފްވުމަށް ރައީސް ފްރާންސްވާ އޮލާންޑް ފާއިތުވި ރިޔާސީ އިންތިޚާބުގައި ފަރަންސޭސި ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އިސްރާއީލަށް ފަރަންސޭސިވިލާތުން އިޢުތިރާފް ވެފައިވާ އިރު ފަލަސްތީނުގެ ދައުލަތަށް އިޢުތިރާފް ނުވުމަކީ ބޭއިންސާފެއް ކަމުގައެވެ. ފަރަންސޭސިވިލާތަކީ ވެސް ހުޅަނގުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިސްރާއީލުގެ ވަރަށް ބޮޑު ބައިވެރިއެކެވެ. ނަމަވެސް އޮލާންޑްގެ ވެރިކަމުގައި އެގައުމުން ފަލަސްތީނަށް ކުރާ ތާއީދުދަނީ އިތުރުކުރަމުންނެވެ. ޖެނެރަލް އެސެމްބްލީގައި މިވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މާދަމާ، ނޫނީ އަންނަ ހުކުރު ދުވަހު އެވެ. (ބީ.ބީ.ސީ)