28 Nov 2012, 09:19
ލައިވް ޕްރޮގުރާމްތައް ފޮނުވާއިރު ބްރޯޑްކާސްޓް ކުރުމުގެ ސުލީކީ މިންގަނޑާ ހިލާފުވާތީ އެކަމާއި ބެހޭ ގޮތުން ބްރޯޑްކާސްޓަރުންނާއިއެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ބައްދަލުކޮށް މަޝްވަރާ ކޮށްފި އެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ އެ ކޮމިޝަންގަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ރޭޑިޔޯ އަދި ޓީވީތަކުން ބައިވެރިވި އެވެ.
ކޮމިޝަނުން ބުނީ ބްރޯޑްކާސްޓަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ޖެހުނީ ހަބަރާއި މައުލޫމާތު އަދި ތަފާތު އެކި ލައިވް ޕްރޮގްރާމްތައް ގެނެސްދޭއިރު ބްރޯޑްކާސްޓަރުން އެކި ފަހަރު މަތިން ބްރޯޑްކާސްޓް ކުރުމުގެ ސުލީކީ މިންގަނޑާއި ހިލާފު ވަމުންދާތީ ކަމަށެވެ.
އެ ބައްދަލުވުމުގައި ހަބަރާއި ލައިވް ކަވަރޭޖްތައް ގެނެސްދޭއިރު ބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރުމަށް ބްރޯޑްކާސްޓަރުންނަށް އެކޮމިޝަނުން ވަނީ ހަނދާންކޮށްދީ ނަސޭހަތްތެރިވެފަ އެވެ.
އަދި އެ ބައްދަލުވުމުގައި މިހާރު އެކުލަވާލާފައި އޮތް ކޯޑް އޮފް ޕްރެކްޓިސް އަށް ޢަމަލުކުރުމުގައި ބްރޯޑްކާސްޓަރުންނަށް ދިމާވާ ދަތިތައް ދެނެގަތުމާއި މި ދަތިތައް ހައްލުކުރުމުގައި ކޮމިޝަނުގެ ފަރާތުން ދެވެން އޮތް އެހީތެރިކަމާ ބެހޭގޮތުން ހިޔާލު ބަދަލުކުރި އެވެ.
އެފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާކަން ކޮމިޝަންގެ ރައީސް މުހަންމަދު ޝަހީބު އިއްޔެ އިއުލާންކުރެއްވި އެވެ.