ޑޮކްޓަރީ ފަރުވާ އަށް ވުރެ ބޮޑަށް ދިވެހި ބޭސްވެރިކަމުގައި މ. ރަތްމަންދޫ އާދަމް އަލީ (އާދަންބެ)ގެ ބޭސްވެރިކަމުގެ ފަރުވާއަށް އިސްކަންދެނީ ހަމައެކަނި އާދައިގެ ރައްޔިތުންނެއް ނޫނެވެ. ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެސް އާދަންބެގެ ބޭސްވެރި ކަމަށް، އިތުބާރު ކުރި ޒަމާނެއް ވެސް ދިޔަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫންގެ ކޮނޑުހުޅު ބިނދުމުން ފަރުވާ ދެއްވީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި އާދަންބެ އެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދާހިލީ ވަޒީރު، ނިޝާން ޣިއްޒައްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދުގެ އާއިލީ ބޭފުޅުންނަށް ވެސް ބޭސްކޮށްދެއްވަނީ އާދަންބެ އެވެ. އަދި ރައީސް މައުމޫންގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު، އަދި މިހާރުގެ ސީއެސްސީގެ މެންބަރު ޑރ. މުހައްމަދު ލަތީފުގެ އަނބިކަނބަލުންނަށް ބޭސްކޮށްދެއްވާފައިވެ އެވެ. މިހެން ގޮސް ކިތަންމެ ވަރަކަށް ވެސް އެ ލިސްޓް ދިގު ކުރެވިދާނެ ކަމަށް އާދަންބެ ބުންޏެވެ.

އާއިލާގެ ހަ ވަނަ ދަރިކޮޅު އާދަންބެ އަށް ވާރުތަވި ދިވެހި ބޭސްވެރިކަމުގައި އެންމެ ގިނައިން ބޭސް ކުރައްވަނީ ރުއްގަލު [ތަންތަން ބިންދައިގެން ދިއުމުން ކުރާ ބޭސް] ބޭހާއި ލޮލު ބޭހަށް އެދިގެން، އަންނަ މީހުންނަށެވެ. އެ ބޭސްވެރިކަމަށް އެދިގެން އަންނަ މީހުން ގިނަވެގެން ރަތްމަންދޫ ފުރޭ ފަހަރު ވެސް އާދެ އެވެ. ކައިރި ރަށްތަކުގައި އޮޑިފަހަރުގައި މަޑުކޮށްލަން ޖެހޭ ފަހަރު ވެސް އާދެ އެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް އާދަންބެ މާލެ ވަޑައިގެން އުޅުއްވާކަން އެނގުމުން މިހާތަނަށް ވެސް ވިއްސަކަށް މީހުން އާދަންބެ ގެއަށް ދިޔަ އެވެ.

އާދަންބެ ސަން އަށް ކިޔައިދިން ގޮތުގައި އޭނާގެ ބޭސްވެރިކަމުގައި އެންމެ ބޮޑު ކާމީޔާބީއަކީ ޑޮކްޓަރަކު އުންމީދު ކަނޑާލާފައިވާ މީހެއްގެ ފުރާނަ ސަލާމަތްކުރި ދުވަހެވެ. އަދި ކޮންމެ ކަމަކަށް ފަރުވާއެއް ވާފަދައިގެން އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނެ، ދޫކޮށްލައިގެން ނުވާނެ ކަމަށް އާދަންބެ ބުންޏެވެ.

އާދަންބެ ކިޔައިދިން ގޮތުގައި މ. މަޑުއްވަރީ މީހަކު ދޯނި އެހެލަން އުޅުމުގެ ތެރޭގައި ދޯނީގެ ފަށަން ދަށުވެ، އެ މީހާގެ އުނަގަނޑުގެ މައިބަދަ ބިންދައިގެން ގޮސް، ފައިގެ ހުޅުތައް ނެއްޓި، ދެ ފައިގެ ކަށިމަތިން ދެތިންތައް ބިންދައިގެން ގޮސްފައި ވަނިކޮށް ކުރަން ޖެހުނީ ބުރަ މަސައްކަތެކެވެ.

"އޭނާގެ ބައްޕަ ބުނީ ތިޔާގެ[ދަރިފުޅު] ހާލަތު ފެނިފައި ޑޮކްޓަރު ވެސް އުންމީދު ކަނޑާލާފައިވާ ކަމަށް. ދަރިފުޅު ރަނގަޅުކޮށްދޭން މަސައްކަތްކޮށްދޭށޭ ބުނެ، ވަކި ހިސާބަކުން އެ މީހާ އަށް ރޮވުނީ. އަޅުގަނޑު ދެންނެވިން މާތްﷲ އޭ ތިޔައަށް [ދަރިފުޅަށް] ރަހުމަތްލައްވާނީ. އަޅު ކުރާނީ މަސައްކަތޭ،" އާދަމްބެ ބުންޏެވެ.

ރަތްމަންދޫ ވަލު ތެރޭގައި ބޭސްވެރިކަމަށް ހައްދާފައިވާ ގަސްތަކުގެ ފަތްފިލާވެއްޔާއި ބޭރުގެ ގައުމުތަކުން ގެންނަ ބޭސް ބޭނުންކޮށްގެން ފުޑައިގެން، ހޭލާ ތިބެގެން ކުރި މަސައްކަތުން 15 ދުވަހުގެ ތެރޭ އެ މީހާ ރަނގަޅުވާނެ ކަމުގެ އުންމީދު އާވި ކަމަށް އާދަންބެ ބުންޏެވެ. އަދި ދެ ތިން މަސް ދުވަހުގެ ތެރޭ އޭނާ ހިނގަން ފަށައިގަނެ، ހެލިފެލިވާން ފެށި ކަމަށް އާދަންބެ ބުންޏެވެ. އަދި އެ ދުވަހަކީ ވަރަށް ބޮޑު މަސައްކަތަކުން މަރުގެ ތުންފަތް މަތިން ފުރާނައެއް ސަލާމަތް ކުރެވުނު ދުވަހެއް ކަމަށް އާދަމްބެ ސިފަކުރެއްވި އެވެ.

އާދަމްބެގެ އާއިލާއިން ކިޔައިދިން ގޮތުގައި ގާވިހަ މަހަށް ވިހަވާ މީހުންނާ ކެންސަރު ޖެހޭ މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ފަޅާލައި ބޮޑެތި އޮޕަރޭޝަންތައް ވެސް ހަތްދިހައިގެ އަހަރުތަކުގައި އާދަންބެ ކޮށްފައިވެ އެވެ. ނަމަވެސް ޑޮކްޓަރީ ބޭހުގެ ޔަގީންކަން ބޮޑުވި ހިސާބުން އެފަދަ ރިސްކު ބޮޑު ކަންތައްތައް ކުރުން އާދަންބެ ހުއްޓާލި އެވެ. އަދި ލޮލުގެ ބޭސް ވަރަށް މަދުން ނޫނީ އާދަންބެ ނުކުރައްވަ އެވެ. ނަމަވެސް ރުއްގަލު ބޭސް ކުރުން އަދިވެސް ހުއްޓައެއްނުލައްވަ އެވެ.

ދިވެހި ބޭސްވެރިކަމުގައި މިހާތަނަށް އެތައް ހާސް ބަޔަކަށް ފަރުވާދެއްވާފައިވާ އާދަންބެ، ބޭސް ކުރައްވަނީ އަގަކަށް ނޫނެވެ. ހިލޭ ސާބަހަށެވެ. ބޭހަށް ހަރަދުވާ ފައިސާ ހޯދުމަށް އާދަންބެ ނުވެސް އެދޭނެ އެވެ. އާދަންބެގެ މަސައްކަތްތައް ގަބޫލުކޮށް، ސަރުކާރުން ވަނީ 1996 ވަނަ އަހަރު ދިވެހި ބޭސް ވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ދީފަ އެވެ. އުމުރުން 14 އަހަރުގައި ފެށި ދިވެހި ބޭސްވެރިކަން ވާރުތަވި ގޮތާ ބެހޭ ގޮތުން އާދަންބެ ވިދާޅުވީ އޭނާގެ މުނި ކާފައަކީ ވެސް ދިވެހި ބޭސްވެރިކަމުގައި މާހިރެެެެއް ކަމަށެވެ. ނަމަވެސް އެ "ހިލްމު" އެ އާއިލާއަށް ލިބުނު ގޮތެއް ނޭނގޭ ކަމަށް އާދަންބެ ބުންޏެވެ.

"ހަވަނަ ދަރިކޮޅު އަޅުގަނޑަށް މިކަން މި ވާރުތަވީ. ބައްޕަމެން މިކަންކޮށް އުޅުނު އިރު، އޮޑި ހަނެއް ވެސް އެއްޗެއް ނުހުރޭ. އޭރު އޮންނަނީ ހިލަގަނޑެއް. އޭގައި މެދަށް އަޅާފައި ގާނައިގެން ރުއްގަލު ބޭސް މިއަޅަނީ. އެންމެ ފުރަތަމަ މި މަސައްކަތްކޮށް އުޅުނު އިރު، އަޅުގަނޑު މަސައްކަތް ކުރީ ބައްޕައަށް އަތްގާތްކޮށްދޭން، އެ އަށް ފަހު މަޑުމަޑު މިކަމުގެ ތެރެއަށް އައިސް މި ވަދެވުނީ،" ރަތްމަންދޫ ކުޑަ ކަތީބު ކަން ވެސް ކުރައްވާފައިވާ އާދަންބެ ބުންޏެވެ.

ދަރިފަސްކޮޅުން ވާރުތަވެފައިވާ ބޭސްވެރި ކުރުމުގައި އާއިލާ އަށް ލިބިފައިވާ ބޭސްވެރިކަމުގެ ނިޝާނަކީ ބަންގާޅުން ގެނެސްފައިވާ ހިލަގަނޑެވެ. އެއީ އާދަންބެގެ މުނިކާފަ ވެސް ބޭސް ފުޑުމަށްޓަކައި ބޭނުން ކުރި ހިލަގަނޑެވެ. އޮޑި ހިލަގަނޑުގެ މެދުގައި ބޭސް ފުޑުމުން ވަޅުގަނޑެއް ވެސް މިހާރު ވަނީ ހެދިފަ އެވެ. ރުއްގަލު ބޭސް މިހާރު ވެސް ތައްޔާރު ކުރަނީ އެ ހިލަގަނޑުގަ އެވެ.

އާދަންބެގެ ފަސް އަންހެން ދަރިންނާއި ފަސް ފިރިހެން ދަރިންގެ ތެރެއިން ތިން ކުއްޖަކު ބައްޕަގެ ބޭސްވެރިންކަން ދަސްކޮށްފައިވެ އެވެ. އުމުރުން 76 އަހަރުގެ އާދަންބެ، އަށް ބޭސްވެރިކަމުގައި މަސައްކަތް ނުކުރެވޭ ދަނޑިވަޅުތަކުގައި އެކަންކޮށްދެނީ އޭނާގެ ދަރިންނެވެ.

ދައުލަތުން ދެއްވާ ޝަރަފްވެރިކަމުގެ ގައުމީން އިނާމް ލިބިވަޑައިގެންނެވި ނަމަވެސް، އާދަންބެ އެދިލައްވަނީ ދިވެހި ބޭސްވެރިކަން ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރެއްވުމަށެވެ. އެގޮތުން ބޭސްވެރިކަން ކުރަމުންދާ ފަރާތްތަކަށް ވަސީލަތްތައް ފޯރުކޮށްދީ، އެކަން ކުރެވޭނެ އުސޫލެއް ކަނޑައަޅުން މުހިއްމު ކަމަށް އާދަމްބެގެ އާއިލާއިން ބުންޏެވެ.