ރާއްޖެއިން ބޭރުން ކާރެއް ގެނެސްދޭނެ ކަމަށް ބުނެ މީހެއްގެ އަތުން މަކަރާއި ހީލާތަނުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަތުލި މީހަކު 10 އަހަރާއި ހަމަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މަކަރާއި ހީލަތްހެދުމުގެ ކުށުގައި އަރުވާލަން ހުކުމް ކޮށްފައި ވަނީ ހ. ކަނބުރުވިލާ މުހައްމަދު ޝިޔާޒުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ސިންގަޕޫރުން "ނިޝާން ޓިޑާ ލެޓިއޯ" ބްރޭންޑްގެ ކާރެއް 55 ދުވަހުގެ ތެރޭގައި ގެނެސްދޭނެކަމަށް މެއި 26، 2010 ގައި އދ. މާމިގިލި ބިންގާ، އަބްދުލްމަތީން އަލީ ކައިރީ އޭނާ ބުނި ކަމަށެވެ. އަދި އެގޮތަށް ބުނުމަށްފަހު އެކިދުވަސް މަތިން އޭނާގެ އަތުން 120000ރ. ޝިޔާޒު ނަގާފައިވަކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

ޤާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ (ރ) ގައި މަކަރާއި ހީލަތަކީ "ޓެކުމަކަށް ނުހިމެނޭގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށް، އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެއް" ކަމުގައި ބަޔާންކޮށްފައިވާތީ، މަކަރާއި ހީލަތްހެދުމުގެ ކުށުން އޭނާ ކުއްވެރިވާކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވެއެވެ.

ދިހަ އަހަރާއި ހަމަސް ދުވަހަށް އޭނާ އަރުވާލަން ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، އެގާނޫނުގެ 132 ވަނަ މާއްދާގެ ދަށުން ނެވެ.