28 Nov 2012, 08:38
އުނގޫފާރު ދާއިރާގެ މެންބަރު. ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގުގެ މައުލޫމާތު އުނގޫފާރު ބައި އިލެކްޝަންގެ ކުރިން އާންމު ނުކުރައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ޑިސެމްބަރު ދޭގެ ކުރިން އަފްރާޝިމްގެ މަރާ ގުޅޭގޮތުން އެއްވެސް މީޑިއާ ބްރީފިންއެއް ނުބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އިތުރަށް އެކަމާ ގުޅޭ ޓުވީޓެއް އޭނާ ނުކުރައްވަ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެއީ މި އަންނަ ހޮނިހިރު ދުވަހު އެވެ.
އަފްރާޝީމްގެ ގާތިލުން ހޯދިއްޖެ ކަމަށާއި އޭގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ހޯމް މިނިސްޓަރާއި ހުދު ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ އަފްރާޝީމްގެ މަރުގެ ތުހުމަތު އަޅުވަން އެމްޑީޕީ މެންބަރެއްގެ ބޮލުގައި ކަމަށް ލަފާވާ ކަމަށާއި އެ ތަފްސީލްތައް ފުލުހުން އާންމުކުރުން ލަސްކުރަނީ އުނގޫފާރު ބައިއިލެކްޝަނާއި ކައިރިކޮށްފައި އެ މައުލޫމާތުތައް ހާމަކުރުމަށް ކަމަށެވެ. އަދި އެއީ ބައިއިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ކޮމިޝަނަރު ރިޔާޒު މީގެ ކުރިން ވިދާޅުވެފައިވަނީ އަފްރާޝީމްގެ މަރުގެ ތަހުގީގު އަދި ހާމަކުރާ ހިސާބަށް ނުދާ ކަމަށާއި އެ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ. އަދި އެ ތަހުގީގުގެ ބައެއްކަންކަން އަދިވެސް ސާފުކުރަމުން ދާކަމަށް އޭރު ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.