28 Nov 2012, 03:43
ހިނގަމުންމިދާ ފުޓްބޯޅަ ސީޒަން ނިމުމުން ކޯޗުކަމުން ރިޓަޔާކުރާނެ ކަމަށް ރަޝިޔާގެ އަންޒީގެ ކޯޗު ގުސް ހިޑިންކް ބުނެފި އެވެ.
ހޮލެންޑުގެ އުމުރުން 66 އަހަރުގެ ކޯޗު ބުނީ ކާމިޔާބު ކަމާއެކު 30 އަހަރު ކޯޗުކަން ކުރެވުނީ ކޮންމެ ދުވަހަކު ވަރަށް ހީވާގިކަމާއި ހިތްވަރާއެކު ތެދުވެގެން ކަމަށާއި އަބަދު އެކަކު ކޯޗުކަމުގައި ހުންނާކަށް ނުވާނެ ކަމަށެވެ.
"ކޮންމެ ދުވަހަކު ހެނދުނު އަހަރެން ތެދުވަނީ ވަރަށް ހީވާގިކަމާއެކު. އަބަދު މިކަން މިގޮތަކަށްނުވާނެ. އަދި އަނެއްކާ ވެސް އޭނާ ކޯޗުކަމުގައި އެހުރީ. ވިސްނަން އެބަޖެހޭ މީހުން މިކަމާ މެދުވެސް (މިގޮތަށް ވެސް) ވިސްނާނެ ކަމަށް،" ހިޑިންކް ބުންޏެވެ.
ހިޑިންކް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ހޮލެންޑް ގެންގޮސްދީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ސައުތުކޮރެޔާ އަށް ވެސް ހޯދައިދީފަ އެވެ. މިއީ އޭޝިޔާގެ ޓީމަކަށް ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އޭނާ ވަނީ ހޮލެންޑްގެ ޕީއެސްވީ އާއި ސްޕޭންގެ ރެއާލް މެޑްރިޑް، ރެއާލް ބެޓިސް އަދި ވެލެންސިއާ އާއި ތުރުކީގެ ފެނަބާޗޭގެ އިތުރުން އިންގްލޭންޑްގެ ޗެލްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
އޮސްޓްރޭލިޔާ އާއި ރަޝިޔާ އަދި ތުރުކީ އަށް ވެސް ކޯޗުކޮށްދިން ހިޑިންގް ބުނީ ކޯޗުކަން ކުރުން ހުއްޓާލުމަށް ފަހު ވެސް ފުޓްބޯޅައިގައި އުޅެން ބޭނުންވާ ކަމަށާއި ފަހަރުގައި އޭނާ ވާނީ ޓެކްނިކަލް ޑައިރެކްޓަރަކަށް ނުވަތަ ޔޫތު ފުޓްބޯޅަ މޮނީޓަކުރާ މީހަކަށް ނުވަތަ ކޯޗުންގެ ކަންކަން ބަލަހައްޓާ އަދި ލަފާދޭ ސުޕަވައިޒަރަކަށް ކަމަށެވެ.