ފެނާންޑޯ ޓޮރޭޒަކީ މިހާރު ލިވަޕޫލްގައި އޭނާ ކުޅުނުއިރުގެ ޓޮރޭޒް ނޫން ކަމަށާއި ކުޅުންތެރިޔާގެ ފެންވަރު ދެރަވެއްޖެ ކަމަށް ޗެލްސީގެ ކޯޗު ރަފާ ބެނީޓޭޒް ބުނެފިއެވެ.

ލިވަޕޫލްގައި ޓޮރޭޒް ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑަށް ހެދި ކޯޗު ބުނީ އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ގެނައި ކުޅުންތެރިޔާ ލައްވައި ލިވަޕޫލްގައި ދެއްކި ކުޅުން ދެއްކިދާނެ ކަމަށް އޭނާ ޔަގީން ނުކުރާ ކަމަށެވެ.

ބެނީޓޭޒް ބުނީ ޓޮރޭޒް އޭނާގެ ކުރީގެ ފޯމަށް ގެނައުމަށްޓަކައި ފުރަތަމަ ކަމަކަށް އިތުބާރު ހޯދައިދޭން ޖެހޭ ކަމަށާއި ދެ ވަނަ ކަމަކަށް ފިޒިކަލީ ވަރުގަދަވާން ޖެހޭ ކަމަށެވެ.

"ޓީމުގެ އެހެން ކުޅުންތެރިން ވެސް އޭނާ އަށް އެހީތެރިވެދޭން ޖެހޭ. އެއީ މިހާރު ކުރީގެ ޓޮރޭޒެއްނޫން. އޭނާ އިމްޕްރޫވްކުރަންޖެހޭ. ޓޮރޭޒް އޭނާގެ ފުލް ފޯމުގައި ކުޅުނީ ލިވަޕޫލްގައި. އަހަންނަށް ޔަގީނެއްނޫން ޓޮރޭޒްގެ ކުރީގެ ފޯމަށް އޭނާ ގެނެވިދާނެ ކަމާމެދު،" ބެނީޓޭޒް ބުންޏެވެ.

އޭނާ އަދި ބުނީ ޓޮރޭޒް ލައްވައި ފުރަތަމަ އެގާރައިގައި ކުޅުވަން ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އެއްވެސް ވަރަކަށް ބާރުނާޅާ ކަމަށެވެ. އަދި ޓޮރޭޒް ފުރަތަމަ 11 އަށް ނަގަންޖެހޭތީވެ އޭނާ ޕްރެޝަރުގައި ހުރި ކަމަށް ދެކެވޭ ވާހަކަތައް ބެނީޓޭޒް ދޮގުކުރެ އެވެ.