ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކުރަން އެންގި ނަމަވެސް އެ ކުންފުނިން އެކަން ގަބޫލުނުކުރާ ކަމަށާއި އެ ކުންފުނިން ސަރުކާރާ އެކު އެގްރިމަންޓްކޮށްފައިވާ މުއްދަތު ހަމަވަންދެން އެއާޕޯޓް ޑިވަލޮޕްކުރުމުގެ މަސައްކަތައިގެން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޖީއެމްއާރުގެ ކޯޕަރޭޓް އެންޑް ކޮމިޔުނިކޭޝަންސް ހެޑް، އަރޫން ބަހާގަތު މިރޭ ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖީއެމްއާރުގެ ކޮންޓްރެކްޓާ ގުޅޭ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އޭޑީސީގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން ދަނިކޮށް އެކަމުގައި ސަރުކާރަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ކުންފުންޏަށް ނޯޓިސް ފޮނުވި މައްސަލައިގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަހަރެމެން އެއްވެސް ތަނަކަށް ނުދާނަން. އަހަރެމެން މިތާ 23 އަހަރު ތިބޭނަން. އެކަން ޔަގީންކުރުމަށް ދާންޖެހުނު ކޯޓަކަށް އެ މައްސަލައައިގެން ދާނަން. އެ އެންގުން އެގޮތަށް އެންގިޔަސް އަހަރުމެން ނުދާނަން،" އަރޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ދަށުގައި 800 ވަރަކަށް ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އިރު ސަރުކާރުގެ އެ އެންގުމުގެ ސަބަބުން މުވައްޒަފުން މާޔޫސްވެދާނެތީ އެކަމުގައި މާޔޫސްނުވުމަށް މުވައްޒަފުންނަށް މިހާރު އަންގާފައިވާނެ ކަމަށާއި ހިދުމަތަށް އެއްވެސް ބުރުލެއް ނާރައި އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.

ޖިއެމްއާރުގެ އެގްރިމަންޓުން ސަރުކާރަށް ގެއްލުންވަމުންދާތީ އާއި އެގްރިމަންޓް ސައްހަ ނޫން ކަމަށް ބުނެ ކެބިނެޓުން މިހާރު ނިންމާފައި ވަނީ އެ އެގްރިމަންޓް ބާތިލްކޮށް ޖީއެމްއާރުން ސަރުކާރާއި އެއާޕޯޓް ހަވާލުކުރުމަށް ހަތް ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ. އެ ނޯޓިސްގައި ބުނެފައި ވަނީ 30 ދުވަހުގެ ތެރޭގައި ޖީއެމްއާރުގެ ތަކެތި ވެސް އަނބުރާގެންދިޔުމަށެވެ.

އެކަން ސިފަކުރަމުން އަރޫން ވިދާޅުވީ، ޖީއެމްއާރުގެ މުޅި ޕްރޮޖެކްޓްގެ އަގު 511 މިލިއަން ޑޮލަރަށް އަރާ ކަމަށާއި އެއީ ރާއްޖޭގެ ޖީޑީޕީގެ ދެ ބައިކުޅަ އެއްބައި ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ފޮރިން އިންވެސްޓްމަންޓަކާ ދެކޮޅަށް ސަރުކާރުން ނެގި ފިޔަވަޅުގެ ސަބަބުން ފޮރިން އިންވެސްޓަރުންނަށް އެދެވުނީ "ވަރަށް ނުބައި" މަސެޖެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް އާދަޔާ ހިލާފުކަމެއް. މި ރީތި ދިވެހި ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ އެތައް ބަޔަކަށް މިދެވުނީ ވަރަށް ނުބައި މެސެޖެއް. ވަރަށް ތަފާތު މެސެޖެއް،" އަރޫން ވިދާޅުވި އެވެ.

އަދި ވިދާޅުވީ މާދަމާގެ ވަގުތެއްގައި އެކަން ހިނގައި ދިޔަ ގޮތް އިތުރަށް ސާފުކުރުމަށް އެ ކޮންޓްރެކްޓް ކުރެވިފައިވާ އެމްއޭސީއެލްއާ އެކު މަޝްވަރާކުރާނެ ކަމަށާއި އަދި އެ ނޯޓިސް ވެސް އެ ކުންފުނިން އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެ ނޯޓިސްއާ ގުޅިގެން އިންޑިއާ ސަރުކާރުން ބަޔާން ނެރެ ބުނެފައި ވަނީ ރާއްޖޭގައި ހުރި އިންޑިއާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.