21 Sep 2010, 15:05
20:07
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގަ އާއި، އެމަޖިލީހުގެ މަސައްކަތު ބައްދަލުވުންތަކުގައި މަޝްވަރާކުރަން ފަށައިފި އެވެ.
ރައީސް އޮފީހުން ބުނީ 2011 ވަނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމަވާފައި ވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށް ވުމާއެކު، ބަޖެޓުގައި ހިމަނާނެ މައިގަނޑު ކަންތައްތަކާ ބެހޭގޮތުން މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދަވާ ގޮތަށް ވެސް މިއަދު ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމުގައި ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އެސް.އެމް.އީ ބޭންކެއް ޤާއިމު ކުރުމަށް، 2009 އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމަވާފައިވުމާއެކު، އަލަށް ތަޢާރުފު ކުރައްވާ ޕޯސްޓަލް ބޭންކިން ނިޒާމުގެ ތެރެއިން އެސް.އެމް.އީ ބޭންކެއް ޤާއިމުކުރާ ގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއެރުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. މިކަމާ ބެހޭގޮތުން ލަފާއެރުއްވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.