27 Nov 2012, 22:25
ހއ. ހޯރަފުށީގައި ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 7:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ޒުވާނަކަށް ކަމަށާއި އޭނާގެ އަނގަ ކައިރިން ދެތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
"އުމުރުން 18 އަހަރުގެ އެ ޒުވާނާގެ އަނގަ ކައިރިން ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅުހުން ހުރި ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށް ދިއްދޫ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދިއްދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ރަޝީދު މިރޭ ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިނުމުން އަނިޔާ ލިބުނު ޒުވާނާ އަށް އެ ހޮސްޕިޓަލްގައި މިހަރު ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.
ހޯރަފުށީގައި ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ އިރު މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވެސް އުމުރުން 24 އަހަރުގެ ޒުވާނެއްގެ ގައިގެ 15 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުން އޭނާ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން އަދި ނުބުނެ އެވެ.