އިބްރާހީމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރު ގްރޫޕާ އެކު ވެފައިވާ އެއްބަސްވުން ދިވެހިސަރުކާރުން އުވާލުމަކީ އިންވެސްޓަރުންނަށް ވަރަށް ނުބައި ސިގްނަލެއް ލިބޭނެ ކަމެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އެއްބަސްވުން އުވާލުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތަކާއި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހިސަރުކާރަށް ގޮވާލާ ކަމަށެވެ.

"ވާހަކަ ނުދައްކައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ފުރުސަތު ވެސް ނުދީ އެ އެއްބަސްވުން އުވާލުމަކީ ފޮރިން އިންވެސްޓަރުންނަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ދިން ވަރަށް ނުބައި ސިގްނަލެކެވެ،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ ޑެކަން ހެރަލްޑްގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެ މައްސަލައިގާ ދިވެހިސަރުކާރާ ވާހަކަ ދައްކާނެ ކަމަށާއި އުވާލި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގާނޫނީ ކަންތައްތައް ދިވެހި ސަރުކާރުން ފުރިހަމަ ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާނެ ކަމަށާއި ރާއްޖޭގައިވާ އެގައުމުގެ މަސްލަހަތުތަކާއި އެގައުމުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.