27 Nov 2012, 21:06
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ އަކީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއާ ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އެ ދެ ދައުވާ ކޮށްފައި ވަނީ ސ. ހިތަދޫގައި ހުންނަ އޭނާގެ އަންހެނުންގެ ގޭގެ ގޯތީގެ އިރުދެކުނު ކަނުގައި ބަހައްޓާފައި ހުރި ސިމެންތި ބަސްތާއެއްގެ ދަށުން ޖުލައި 2، 2009 ދުވަހު ފެނުނު ދަޅެއްގައި 4.21839 ގްރާމް އޯޕީއެޓްސް އާއި 2.2290 ގްރާމް ބެންޒޯޑައިޒީޕައިން ހުރި 28 ރަބަރުޕެކެޓާއި އަދި ވެސް މަސްތުވާތަކެތީގެ އިތުރު ޕެކެޓްތަކެއް އެ ބަސްތާގެ ތެރެއިން ފެނިގެންނެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައި ވަނީ އެ ދަޅަކީ އާދަމް ނަސީރުގެ އެއްޗެއްކަމަށް ސ. ހިތަދޫ ދުންތަރި އަހުމަދު ރަމްޒީ ބުނާބުނުން ފިޔަވައި އެއީ އޭނާގެ އެއްޗެއްކަން ޝަރީއަތަށް ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށެވެ. އަދި އެދަޅު ފެނިފައިވާ ސަރަހައްދަކީ އެތަނަށް ވަންނަން ބޭނުން ކޮންމެ މީހަކަށް ބޭނުންކޮންމެ ވަގުތެއްގައި ވަދެވޭގޮތަށް ހާމަކޮށް އޮތް ސަރަހައްދަކަށް ވާތީ ކޮންމެ މީހަކަށް ވެސް ކޮންމެ ވަގުތަކު ބޭނުން ކޮންމެ އެއްޗެއް އެތަނުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމްގައިވެ އެވެ.
މީގެ އިތުރުން އައްޑޫގައި ހުންނަ އޭނާގެ އަންހެނުންގެ ގެއިންނާއި މާލޭގައި ހުންނަ އޭނާގެ ގެ ކަމުގައިވާ ހ. ރީނދޫގެ އިން ފެނިފައިވާ ގިނަ އަދަދެއްގެ ފައިސާތަކަކީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއްކަން ސާބިތު ނުވާކަމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ އެއީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާތަކެއްކަން ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށް ވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައިވެ އެވެ.