27 Nov 2012, 20:58
މެޑްރިޑް (ނޮވެމްބަރ 27): ކެތަލީނިޔާ، ސްޕޭންގެ ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާ ޕާޓީތައް އެ ސަރަޙައްދުގެ ލޯކަލް ޕާލަމެންޓްގެ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފި އެވެ.
މިއިންތިޚާބުގައި ވާދަކުރި އެ ސަރަޙައްދުގެ ލޯކަލް ސިޔާސީ ޕާޓީތަކުގެ ތެރެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ކެތަލީނިޔާ ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް އިންތިޚާބުގެ ކޭންޕޭންގައި ވަޢުދުވި ޕާޓީތަކަށް ޕާލަމެންޓްގެ 135 ގޮނޑީގެ ތެރެއިން 78 ގޮނޑި ލިބިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ކެތަލީނިޔާ ވަކިދައުލަތަކަށް ހެދުމުގެ ޤާރާރެއް ޕާލަމެންޓުން ފާސްކުރާނެކަމަށް ވަޢުދުވި ގައުމީ ޕާޓީތަކުގެ ތެރޭން އެންމެ ގިނަގޮޑި ލިބިފައި ވަނީ ކެތަލީނިޔަން ނެޝަނަލް އެލަޔަންސް ޕާޓީއަށެވެ.
އެ ޕާޓީ އަށް 50 ގޮނޑި ލިބިފައިވާ އިރު 21 ގޮނޑި ލިބިފައިވާ ވާތުފިޔައިގެ ރިޕަބްލިކަން ޕާޓީއަކީ ވެސް ކެތަލީނިޔާ ވަކިދައުލަތަކަށް ހެދުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. ލޯކަލް ޕާލަމެންޓްގެ 50 ގޮނޑި ލިބުނު ކެތަލީނިޔަން ނެޝަނަލް އެލަޔަންސް ޕާޓީއަކީ އެ ސަރަޙައްދުގައި މިހާރު ވެސް ވެރިކަންކުރާ ޕާޓީ އެވެ. ކެތަލީނިޔާގެ ބޮޑުވަޒީރު އަރްތޫރު މާސް އަކީ އެޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ވަރަށް އަވަހަށް ކެތަލީނިޔާ، ސްޕޭންގެދައުލަތުން ވަކިވުމަށް ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން ހާމަކުރައްވާފަ އެވެ. ކުރިން ވަނީ މިހިނގާ ނޮވެމްބަރު މަހު މިވޯޓު ނެގުމަށް ނިންމާފަ އެވެ.
ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފި ނަމަވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީތަކުން މިއިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ކެތަލީނިޔާގެ ބޮޑުވަޒީރު އަރްތޫރު މާސް ވިދާޅުވި އެވެ. މީގެއިތުރުން މިކަމަށް ތާއީދުކުރާ ކެތަލީނިޔަން ޤައުމިއްޔަތު ޚިޔާލުގެ ކުޑަޕާޓީއަކަށް ހަތް ގޮނޑި ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދި ޕާޓީތަކުން ވަނީ އެސަރަޙައްދު މިނިވަންދައުލަތެއްގެ ގޮތުގައި ވުޖޫދަށް ގެނައުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް ބޭނުންވާ އިތުރު ޤަރާރެއް އައުޕާލަމެންޓުން ފާސްކުރާނެ ކަމަށް ބުނެފަ އެވެ. މިގޮތަށް އިތުރު ޤަރާރެއް ފާސްކޮށްފި ނަމަ ކެތަލީނިޔާ ސަރަޙައްދު ސްޕޭންގެދައުލަތުން ވަކިވުމަށް ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މައްސަލަ އިތުރަށް ވައިގާ ހިފާނެ ކަމަށް އެ ސަރަހައްދުގެ ގައުމީ ޕާޓީތަކުން ދެކެ އެވެ. އަދި މިކަމަށް ތާއީދުކޮށް އަޣްލަބިއްޔަތު ވޯޓު ލިބިއްޖެ ނަމަ ސްޕޭންގެ ދައުލަތުން ވަކިވެގަތުމުގެ ފުރްސަތު ކެތަލީނިޔާއަށް ލިބިގެންދާނެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް ވަނީ ކެތަލީނިޔާ ސްޕޭންގެ ދައުލަތުން ވަކިވެ މިނިވަން ދައުލަތަކަށް ހެދުމަށް ތާއީދުކޮށް އެ ސަރަޙައްދުގެ ލޯކަލް ޕާލަމެންޓުން ޤަރާރެއް ފާސްކޮށްފަ އެވެ. ޕާލަމެންޓުން ފާސްކުރި ޤަރާރާ މެދު ސްޕޭން ސަރުކާރުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ނަމަވެސް ކެތަލީނިޔާގެ ރައްޔިތުން ދިމުޤްރާތީ އިންތިޚާބަކުން ނިންމާ ނިންމުމަކަށް ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށް އެސަރަހައްދުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްބުނެފައިވެ އެވެ. ކެތަލީނިޔާއަކީ ސްޕޭންގެ އެންމެ އިރުއުތުރުގައި ދާޚިލީ މިނިވަންކަމެއްލިބިފައިވާ (ވަކިލޯކަލް ސަރުކާރެއް އޮންނަ) ސަރަޙައްދެކެވެ.
މިސަރަޙައްދުގެ އާބާދީއަކީ 7.6 މިލިޔަނެވެ. ސްޕޭންގެ މައި ސަރުކާރުން ކެތަލީނިޔާ އާ މެދު އަޅާނުލާ އިހްމާލުވަމުންދާ ކަމަށް އެ ސަރައްދުގެ ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަން އާންމު ޚިޔާލު ހޯދުމުގެ ސަވޭތަކުން ހާމަވެފައިވެ އެވެ.
ކެތަލީނިޔާގެ އިތުރުން ސްޕޭންގެ ބާސްކް ސަރަޙައްދު ވެސް ގެންދަނީ އެޤައުމުން ވަކިވެގަތުމަށްމަސައްކަތްކުރަމުންނެވެ. ސްޕޭންގައި ދާޚިލީ މިނިވަންކަން ދީފައިވާ ސަރަޙައްދުތައްވަކިވެގަތުމަށް މަސައްކަތްކުރަން ފަށާފައި މިވަނީ އިޤްތިސާދީ ގޮތުން ވަރަށް ފުންވަޅުގަނޑަކަށް އެގައުމު ވެއްޓި ރައްޔިތުންގެ ގިނަބައެއްގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ފަށާފައިވާ ދުވަސްވަރެއްގަ އެވެ. (ނޫސްއެޖެންސީތައް)