27 Nov 2012, 20:03
ޖީއެމްއާރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެއްބަސްވުމަކީ "އުފެދުނު ދުވަހުން ފެށިގެން ބާތިލް"ވެފައިވާ އެއްބަސްވުމެއް ކަމަށް އިނގިރޭސިވިލާތާއި ސިންގަޕޫރާއި ރާއްޖޭގެ ގާނޫނީ ވަކީލުންވެސް އެއްބަސްވެފައިވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން 2010 ވަނަ އަހަރުވެފައިވާ އެއްބަސްވުން ރޫޅާލިކަން މީޑިޔާއަށް ހާމަކުރައްވަމުން ރައީސް އޮފީހުގައި ދެއްވި ސްޓޭޓްމަންޓެއްގައި ބަންޑާރަ ނައިބު އާޒިމާ މިއަދު ވިދާޅުވީ ކެބިނެޓުން އެ ނިންމުން ނިންމަން ޖެހުނީ ޖީއެމްއާރާއި އެކު އެއްބަސްވުމުގައި ސޮއިކުރި ހާލަތާއި އޭގެ ފަހުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)އާ ގުޅޭ ގޮތުން ހައިކޯޓުން ކުރި ހުކުމާއި އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެމްއާރަށް ސަރުކާރުން ފޮނުވި ސިޓީތަކާއި އަދި އެގްރިމަންޓްގައި ސޮއިކުރުމަށް ފަހު ހިނގާފައިވާ ކަންތަކަށްވެސް ބެލުމަށް ފަހު ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ނޫންކަމަށް ލޯޔަރުން ލަފާދެއްވާފައިވާތީ ކަމަށެވެ.
"މި އެއްބަސްވުމަކީ މި އެއްބަސްވުން ގަވަންކުރި އިނގިރޭސިވިލާތުގެ ގާނޫނުތަކުގެ ދަށުންވެސް
އުފެދުނު ވަގުތުން ފެށިގެން ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށާއި ނުވަތަ ފްރެސްޓްރޭޝަންގެ ސަބަބުން އަމަލުކުރެވެން ނެތް އެއްބަސްވުމެއް ކަމުގައި މިކަމުގައި މަސައްކަތް ކުރި ހުރިހާ ގާނޫނީ ވަކީލުން [ބައިނަލްއަގްވާމީ އަދި ދިވެހި] އެއްބަސްވެ ލަފާދީފައިވާތީ މި އެއްބަސްވުން ބާތިލް ކުރުމަށް ނިންމެވީ،" އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންޓްރެކްޓް ބާތިލްކުރަން ކެބިނެޓުން ނިންމުމާ އެކު އެ އެންގުން ޖީއެމްއާރަށް އެންގުމަށް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް މިހާރު އަންގާފައިވާނެ ކަމަށާއި އަދި ހަތްދުވަހުގެ ތެރޭގައި އެއާޕޯޓުން ފޭބުމަށް ނޯޓިސްދީފައިވާނެ ކަމަށެވެ. އަދި އެގްރިމަންޓްގައި ބުނާގޮތުން 30 ދުވަހުގެ ތެރޭގައި ޖީއެމްއާރުގެ ތަކެތި ހުރިނަމަ އެތަކެތި އަނބުރާގެންދަން ޖެހޭނޭ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކޮންޓްރެކްޓް ބާތިލްކުރަން 500 މިލިއަން ޑޮލަރު ކޮމްޕެންސޭޝަނެއްގެ ގޮތުގައި ދައްކަން ޖެހިދާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައިވީ ނަމަވެސް ސަރުކާރުން މިހާރު ލަފާކުރަނީ ކޮމްޕެންސޭޝަނެއްގެ ގޮތުގައި ދައްކަން ޖެހޭނެ ވަރު ކުރިއަށް ވުރެވެސް ކުޑަވާނެ ކަމަށާއި އާބިޓްރޭޝަނުން އެ މައްސަލަ ނިމޭގޮތަކުން އެއްޗެއް ދައްކަން ނުޖެހުމަކީވެސް ވެދާނެ ގޮތެއް ކަމަށެވެ.
"މިއީ ހަމަ ޕިއަލީ ގާނޫނީ ގޮތުން އަޅުގަނޑުމެން ނެގި ނިންމުމެއް. އެހެންވީމައި އަޅުގަނޑުމެން ބެލީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތުގައި ގެއްލުންކުޑަ ގޮތުގައި މިކަން ކުރަން. އެހެންވީމައި އަޅުގަނޑުމެން މިބަލަނީ އާބިޓްރޭޝަންގައިވެސް މި މައްސަލަ ކުރިއަށް ގެންދާއިރު އަޅުގަނޑުމެންނަށް ބަދަލުގައި ދޭން ޖެހޭވަރު މާކުޑަ ކުރެވޭނޭ،" އާޒިމާ ވިދާޅުވި އެވެ.
އެގްރިމަންޓް ބާތިލް ކުރުމާއެކު ސަރުކާރުން މިހާރު ނިންމާފައިވަނީ ދިވެހި ސަރުކާރުން އިސްވެ އެ މައްސަލަ ސިންގަބޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށެވެ. އާޒިމާ ވިދާޅުވީ އެ މައްސަލައިގައި ސަރުކާރުން ނިންމުމެއް ނިންމީ ނުވަ މަސްދުވަހުގެ ދިރާސާއަކަށް ފަހުގައި އެކުލަވާލި ކަރުދާހެއްގެ މައްޗަށް ކެބިނެޓުން އެ މައްސަލަ ވަރަށް ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ.