ޖީއެމްއާރާއި އެކު ވެފައިވާ އެގްރިމަންޓް ބާތިލްކޮށްފައިވާތީ އެއާޕޯޓް ހިންގަމުންދާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޖިހާދު ވިދާޅުވީ އެއާޕޯޓް ހިންގުމަށް އިތުރު ފަރާތަކާއި ހަވާލުކުރުމަށް އަދި ނިންމާފައި ނެތް ކަމަށާއި އެއާޕޯޓް ހިންގަމުން ދާނީ ކުރިއެކޭވެސް އެއްގޮތަށް އެމްއޭސީއެލްއިން ކަމަށެވެ. އަދި އެއާޕޯޓް ހިންގުމުގެ މަސައްކަތް ކުރިންވެސް އެ ކުންފުނިޮން ކޮށްފައިވާއިރު ދެންވެސް އެ ކުންފުންޏަށް އެކަން ނުކުރެވޭންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެ ކުންފުނިން ދެން އެއާޕޯޓްގެ ހިންގުމުގެ ކަންތައްތައް ކުރިއަށް ދާނީ. އެ ޕްރޮސެސް މިހާރު އެބަ ހިނގާ. އަޅުގަނޑުމެން ބޭރުބަޔަކާއި އެތަން ހަވާލުކުރަން ނިންމާފައެއްނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ކުންފުންނިން އެއާޕޯޓް ހަވާލުކުރުމާއި ކުންފުނީގެ އިދާރީ އޮނިގަނޑަށާއި އެހެން ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ފިނޭންސްގެ ލަފައާއެކު އެ ކުންފުނިން ކުރަމުން އަންނާނެ ކަމަށެވެ. އަދި އެއާޕޯޓް ޑިވަލޮޕްކުރުމުގައި ކުރިއެކޭވެސް އެއްގޮތަށް ބޭތުގެ އެކްސްޕާޓުންގެ އެހީ ތެރިކަން ހޯދަމުން އަންނާނެ ކަމަށެވެ.

ކެބިނެޓުން މިއަދު ނިންމާފައިވަނީ ޖޫން 2010 ޖީއެމްއާރާ އެކު ކޮށްފައިވާ އެއްބަސްވުން ރޫޅާލައި އެއާޕޯޓް ސަރުކާރާއި ހަވާލުކުރުމަށް ހަތް ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ. އަދި އެ މައްސަލައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ސަރުކާރުން އިސްނަގައިގެން ވެއްދުމަށްވެސް ވަނީ ނިންމައިފަ އެވެ.