ޤާނޫނީ ދާއިރާ އިން މަޢުލޫމާތު ބަދަލުކޮށް، ތަޖުރިބާ ހިއްސާކުރުމަށް ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އޭޖީ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރެވެ. އަދި މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، އެޤައުމުގެ އެޓާނީ ޖެނެރަލް، ތަން ސްރީ ޢަބްދުލްޣަނީ ޕަޓައިލް އެވެ.

އޭޖީ އޮފީހުން ބުނީ އެ އެމްއޯޔޫގެ ދަށުން ދެ ޤައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ ދާއިރާގެ މަޢުލޫމާތު ބަދަލުކޮށް، ތަޖުރިބާ ހިއްސާކުރާނެ ކަމަށެވެ. އަދި އޭޖީ އޮފީހުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންނަށް ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ވެސް އެއްބަސްވެފައިވެ އެވެ. އޭގެ ތެރޭގައި، ލިޓިގޭޝަންގެ ދާއިރާއާ ގުޅުން ހުރި ތަމްރީނާއި ލީގަލް އަދި ލެޖިސްލޭޓިވް ޑްރާފްޓިންގެ ތަމްރީނުތައް ހިމެނޭ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އަދި ފުރަތަމަ ބުރުގެ ތަމްރީނުތައް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިއްޔެ އޭޖީ އޮފީހުގައި އޮތް އެރަސްމިއްޔާތައް އެއްވެސް ނޫސް އިދާރާއަކަށް ދައުވަތު ދީފައެއް ނުވެ އެވެ.