މެކްސިކޯގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ ސިނަލޯގައި ސިފައިންނާއި ކުށްވެރިންގެ ބަޔަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އެ ގައުމުގެ މި އަހަރުގެ ރީތީގެ ރާނީއަކު މަރުވެއްޖެ އެވެ.

މާރިއާ ސުޒާނާ ފުލޯރަސް ގަމޭޒް، 20، މަރުވެފައި ފެނިފައި ވަނީ ސިނަލޯގެ ރަށްފުށު ސަރަހައްދެއްގައި މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގެ މިލިޓަރީ ސިފައިންނާއި އެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބައެއްގެ ދެމެދުގައި ބަދަލުކުރި ބަޑީގެ ހަމަލާތަކެއްގެ ތެރޭގަ އެވެ. އެ ހަމަލާގައި އިތުރު ދެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ސިނަލޯ ސްޓޭޓްގެ އެޓާނީ ޖެނެރަލް މާކޯ އެންޓޯނިއޯ ހިގުއެރާއާ ހަވާލާދީ ބޭރު މީޑިއާތަކުގައި ބުނެފައިވަނީ އެ ހަމަލާތަކުގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މެކްސިކޯގެ ރީތީގެ ރާނީގެ ހަށިގަނޑުގެ ކައިރީގައި (ރައިފަލް) ބަޑިއެއް ވެސް އޮތް ކަމަށާއި ނަމަވެސް އޭނާ އަމިއްލަ އަށް މަރުވީ ކަމެއް ބަޔަކު ބަޑިޖެހީ ކަމެއް އަދި އޮޅުން ފިލާފައިނުވާ ކަމަށެވެ.

"އިނގޭހާ ވެސް އެއްޗަކީ އޭނާ މަރުވެފައި ވަނީ ސިފައިންނާއި ކުށްވެރިންތަކަކާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުންތަކެއްގައި ކަން، އޭނާ ހުރީ އެމީހުންގެ ތެރެއިން ބަޔަކާ އެކު،" މާކޯ ވިދާޅުވެފައިވެ އެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މެކްސިކޯގެ ރީތީގެ ރާނީއާ ސިނަލޯއާގައި ހަރަކާތްތެރިވާ އެގޭންގް ކުއްޖަކާ ލޯބީގެ ގުޅުމެއް އޮވެ އެވެ.

އެއޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވެހިކަލްތަކެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ އިތުރަށް ބަލަމުންނެވެ.

ސުޒޭނާ އަށް ސިނަލޯގެ ރީތީގެ ރާނީގެ ލަގަބް ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.