ސައުތު ކޮރެއާގެ ފިރިހެނަކު ބާލީހެއް ދެކެ ލޯބިވެ، އެ ބާލީހާ އޭނާ ކައިވެނިކޮށްފި އެވެ.


ވެޑިން ޑްރެސްއެއް ލައްވާފައި އޮތް އެ ބާލީހާ އުމުރުން 28 އަހަރު ލޫޖިން ގޫ ކައިވެނިކުރި މަންޒަރު  ކޮރެއާގެ މީޑިއާތަކުން ވަނީ މިއަދު އާއްމުކޮށްފަ އެވެ. ކޮރެއާގެ ތީމް ޕާކެއްގައި ބޭއްވި ކައިވެނީގެ އެ ހަފްލާގައި، ފާދިރީ މީހާ މި އާދަޔާ ޚިލާފު ކައިވެނިކޮށްދެމުން ދިޔައިރު، ކަޅު ކުލައިގެ ސޫޓެއް ލައިގެން ހުރި ލޫ ޖިންގެ މޫނުމަތި ހުރީ ހިނިތުންވުމުން ފުރިފަ އެވެ. އޭނާ ހުރީ މި ކައިވެންޏަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެންކަން ވީޑިއޯ މަންޒަރުތަކުން އެނގޭ އެވެ.


އެންމެ ކަމުދާ ބާލީސް އަލަތު ބައިވެރިއަކަށް ހެދި ލޫ ޖިންގެ ގާތް ރަހުމަތްތެރިއެއް ޔޫ.ކޭގެ މެޓްރޯއަށް މައުލޫމާތު ދިން ގޮތުގައި، ލޫ ޖިން އެ ބާލީސް ދެކެ ވަރަށް ލޯބިވެ އެވެ. އޭނާ ބޭރަށް ގޮސް އުޅެނީ އަބަދުވެސް އެ ބާލީސް ހިފައިގެން ކަމަށްވެސް އޭނާ ބުނެ އެވެ. އެގޮތުން ކާން ތަނަކަށް ވަތް ނަމަވެސް، އެ ބާލީސް ބާއްވަނީ ވަކިން ގޮނޑިއެއްގައި ކަމަށާއި އަދި ބާލީހަށް ކަމުދާ ކަމަށް އޭނާ އަށް ފެންނަ ކެއުމަކަށް ވެސް އޯޑަރުދޭ ވާހަކަ އޭނާ ކިޔައިދިނެވެ.


ލޫ ޖިންގް ހުންނަނީ އެ ބާލީހާ ހެދީ މޮޔެވެފައި ކަމަށް އޭނާ ބުންޏެވެ.


މީގެ އިތުރުން ބާލީސް ހިފައިގެން އޭނާ ޕާކު ފަދަ ތަންތަނަށްދާ ކަމަށާއި ރޯލާ ކޯސްޓަރ ފަދަ އެއްޗެއްސަށް އަރައިއުޅެނީ ވެސް އެ ބަލީސް ހިފައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.


ކާޓޫން ޖެހި ބާލީސްތަކާ އަދި ޚިޔާލީ ޝަޚްސިއްޔަތުތަކާ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ލޫ ޖިންގްގެ ވާހަކަ އަށް ދުނިޔޭގެ ގިނަ ބަޔެއްގެ ލޯތައް ހުއްޓިގެން ގޮސްފައި ވަނީ، މިއީ ދުނިޔޭގެ ތާރީޚުގައި ވެސް ބާލީހަކާ މީހަކު ކައިވެނިކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ.