27 Nov 2012, 16:43
ނ. ހޮޅުދޫގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔަ ވެހިކަލަކަށް ހުރަސް އަޅައި ފުލުހަކަށް ހަމަލަދިން މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 11:30 އެހާކަންހާއިރު އެ މީހާ ހައްޔަރުކުރީ މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅައި ފުލުހެއްގެ ގައިގައިޖަހާ މާރާމާރާ ހިންގި ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުވެގެން ކަމަށް ޝައްކު ކުރެވިގެން ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހޮޅުދޫން ހައްޔަރުކުރި އުމުރުން 23 އަހަރުގެ އެ މީހާއަކީ މަސްތުވާތަކެއްތި ބޭނުންކޮށް އެ ރަށުގައި މަސްތުވާތަކެތީގެ ވިޔާފާރި ފުޅާދާއިރާއެއްގައި ކުރާ މީހެއް ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހާ ދިރިއުޅޭ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 45 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ދެ ކޮތަޅާއި ވަޅިއެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ވެސް ވަނީ އެ އަތޮޅުގައި ދަތުރުކުރާ ފެރީ ދޯންޏަކަށް ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ފެނުނު މައްސަލައެއް ވެސް މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަން ފަށާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ފަސް ކަރުދާސްކޮޅު ފޮށިގަނޑެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ފޮށިގަނޑާ ހަވާލުވާނެ މީހަކު ވޭތޯ ފުލުހުން ކުރި މަސައްކަތުގައި އެއްވެސް މީހަކު ނުވުމުން ފޮށިގަނޑު ކެނޑީ ފެރީގެ ފަޅުވެރިންގެ ހާޒިރުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރާ ފަރާތްތައް ހޯދަމުން އަންނަ ކަމަށެވެ.