27 Nov 2012, 16:38
އިލެކްޝަންސް ކޮމިޝަންގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެކޮމިޝަންގެ ފައިސާއާ ބެހޭ މަސައްކަތް ކުރާ މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް ނަޝޭހަތްތެރިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްްބަޔާނެއްގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ އޮޑިޓާ ޖެނަރަލްގެ އޮފީހުން އެ ކޮމިޝަން އޮޑިޓް ކުރުމަށް ފަހު، ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ކޮމިޝަންގެ ފައިސާއާ ބެހޭ މަސައްކަތްތައް ކުރާ މުވައްޒަފުންނަށާއި ޕްރޮކިއުމަންޓް މަސައްކަތްކުރާ މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާފައިވާ، އެ ކޮމިޝަންގެ މުވައްޒަފުންގެ މައްސަލަތައް އިތުރަށް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އިލެކްޝަނަށް ކަނޑައަޅާފައިވާ ބަޖެޓުން ބޭކާރު ގޮތުގައި އެތައް ފައިސާއެއް ހަރަދުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން 2007 ވަނަ އަހަރުން ފެށިގެން 2010 އަހަރާ ހަމައަށް އިލެކްޝަނުން ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ނުވަތަ އަތޮޅު ކައުންސިލްތަކަށް ފޮނުވާފައިވާ 54 މިލިއަން ރުފިޔާގެ ތެރެއިން 39 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލް ކޮމިޝަނުގައި އެނގެން ނެތް ކަމަށް އެރިޕޯޓްގައިވެ އެވެ.