އަންނަ އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހޮވައިފި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީގެ މައްޗަށް އެކުލެވޭ ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރަކު ހޮވުމަށް ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދެވެ.

ދެ ކޮމެޓީއަށް ނިސްބަތްވާ 17 މެންބަރުން ހާޒިރުވެ ވަޑައިގަތް އެ ކޮމެޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހަޅާ ވޯޓަށް އެހުމުން އެ ކޮމެޓީއަށް ހާޒިރުވެ ވަޑައިގަތް 17 މެންބަރުންގެ އިއްތިފާގުން ގާސިމް ވަނީ އެ މަގާމަށް ހޮވައިފަ އެވެ. ގާސިމް މުގައްރިރަކަށް ހޮވަން އެއްވެސް ބޭފުޅަކު އިއުތިރާޒެއް ނުކުރައްވަ އެވެ.

ނައިބު މުގައްރިރަކަށް ހޮވުމަށް އެ ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު ހަމްޒާގެ ނަންފުޅެވެ. ނަމަވެސް އެ ނަންފުޅަށް ފުރަތަމަ ވޯޓަށް އެހުމުން ހަމްޒާއަށް ލިބިވަޑައިގަތީ 11 ވޯޓެވެ. ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅުން ހަމްޒާއަށް ވޯޓެއް ނުދެއްވަ އެވެ. ރިޔާސަތުން ވިދާޅުވީ މުގައްރިރަކާއި ނައިބު މުގައްރިރަކު އައްޔަން ކުރެވޭނީ މަދުވެގެން 12 ވޯޓުލިބިގެން ކަމަށެވެ.

ހަމްޒާގެ ނަން ފާސްވުމަށް ވޯޓު ނުލިބުމުން އެމްޑީޕީއަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ހަމްޒާގެ ނަންފުޅު އަނެއްކާވެސް ކޮމެޓީއަށް ހުށަހެޅުއްވި އެވެ. އެ ނަމަށް ތާއީދު ލިބުމުން ދެ ވަނަ ފަހަރަށް ހަމްޒާގެ ނަމަށް ވޯޓަށް އެއްސެވުމުން 12 ވޯޓުލިބިގެން ހަމްޒާ ނައިބު މުގައްރިރަކަށް އިންތިހާބުވެ ވަޑައިގަތެވެ.

ކޮމެޓީގެ މިއަދުގެ ޖަލްސާގައި މެންބަރުން ހިޔާލު ބަދަލުކުރެއްވުމަށް ފަހު ނިންމެވީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ބަޖެޓް ދިރާސާކޮށް މަޖިލީހަށް ބަޖެޓް ރިޕޯޓް ހުށަހެޅުން ފަސްކުރުމަށެވެ. މަޖިލީހުގެ ރައީސް އެދި ވަޑައިގެންފައިވަނީ އަންނަ މަހުގެ 16އަށް ބަޖެޓް ރިޕޯޓް ހުށަހެޅުމަށެވެ.

ދެން ކޮމެޓީގެ ޖަލްސާއެއް ބާއްވާނީ އާދިއްތަ ދުވަހު 10:00 ޖަހާއިރުކަން ކޮމެޓީގެ މުގައްރިރު އިއުލާން ކުރެއްވި އެވެ. އަދި އެ ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހާޒިރުކުރުމަށްވެސް ނިންމެވި އެވެ.