ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ސްކޮލަޝިޕް ފުރުސަތެއް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ނޫސްވެރިންނަށް ހުޅުވާލައިފި އެވެ.

އެމްޖޭއޭ އިން ބުނީ އިނގިރޭސިވިލާތުގައި ކިޔެވުމުގެ ތިން ފުރުސަތު އެ ޖަމިއްޔާ އަށް ލިބިފައިވާ ކަމަށާއި އެ ފުރުސަތުތަކަކީ އިނގިރޭސި ސަރުކާރުގެ ޗެވެނިން ސްކޮލަޝިޕް ޕްރޮގްރާމާއި ކޮމަންވެލްތު ބްރޯޑްކާސްޓިން އެސޯސިއޭޝަންގެ ފަރާތުން ލބިފައިވާ ތިން ފުރުސަތު ކަމަށެވެ.

ޗިވެނިން ސްކޮލަޝިޕަކީ އެފްރިކަން ފެލޯޝިޕްޓްރަސްޓާއި ކްލޯރް ލީޑަޝިޕް ޕްރޮގްރާމާއި ކޮމަންވެލްތު ބްރޯޑްކާސްޓިން އެސޯސިއޭޝަނާއި އެޗްއެސްބީސީ އާއި އިންސްޓްޓިއުޓް އޮފް ސްޓްރެޓެޖިކް ޑަޔަލޮގް އަދި އޮކްސްފޯޑް ސެންޓަ ފޯ އިސްލާމިކް ސްޓަޑީސްގެ ސްޕޮންސާއާ އެކު ހިންގާ ޕްރޮގްރާމެކެވެ.

ޗެވްނިންގް ސްކޮލަޝިޕް ޕްރޮގްރާމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އެކި އެކި ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކޯ ސްޕޮންސާ ކުރުމަށް ޝައުގުވެރިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަށް ހަރަދުކުރަނީ ސްޕޮންސާކުރާ ހުރިހާ ފަރާތްތަކުން ގުޅިގެންނެވެ.

ރާއްޖޭގެ ނޫސްވެރިކަން ތަރައްގީކުރުމަށް އުފެއްދި އެމްޖޭއޭ އިން ދިވެހި ނޫސްވެރިން ތަމްރީނުވުމުގެ ގިނަ ފުރުސަތުތަކެއް ވަނީ ހޯދައިދީފަ އެވެ. އެމްޖޭއޭ އިން ހޯދައިދިން ފުރުސަތެއްގައި މިހާރު ވެސް ދެ ކުއްޖަކު ރާއްޖޭން ބޭރުގައި އަންނަނީ ކިޔަވަމުންނެވެ.