27 Nov 2012, 13:59
އިމްޕޯޓް ޑިއުޓީ އަލުން އިއާއާދަކޮށް އަންނަ އަހަރުގެ ތެރޭގައި ތައާރަފްކުރާ އާ ޓެކްސްތަކާ އެކު ދައުލަތަށް އިތުރު 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފި އެވެ.
ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން އިމްޕޯޓް ޑިއުޓީ އަލުން އިއާދަކޮށް 250 މިލިއަން ރުފިޔާ ލިބޭ އިރު ޓީޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު ދައުލަތަށް 631 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އެއާޕޯޓުންދޭ ހިދުމަތުގެ ފީ އިތުރުކޮށްގެން 85.3 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ. އަދި މުއާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށުމާ އެކު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުކޮށްފައިވެ އެވެ. އަދި އިތުރު 14 ރަށެއް ރިސޯޓް ހަދަން ހުޅުވާލަން ގަސްތުކޮށްފައި ވާތީ 647.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 16.9 މިލިއަން ކަމަށްވާ އިރު 12.9 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު އާމްދަނީގެ ހިސާބު ޖަހާފައި ވަނީ ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހުތައް ފާސްވާނެ ކަމަށް ބަލައިގެންނެވެ.
މިއަދު ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެނައުމާއި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީ ޖީއެސްޓީ ރޭޓް 15 ޕަސެންޓަށް ބޮޑުކުރުމާއި މުއާސަލާތީ ހިދުމަތުންނާއި ތެލުން ޖީއެސްޓީ ނެގުމާއި އަދި އެއާޕޯޓުން ފުރާ ބިދޭސީންގެ އަތުން ނަގާފީ 30 ޑޮލަރަށް ބޮޑު ކުރުން ހިމެނެ އެވެ. އަދި ބެޑް ޓެކްސްގެ ގޮތުގައި ކޮންމެ ޓޫރިސްޓެއްގެ އަތުން ރެއަކު ނަގާ އަށް ޑޮލަރު، 2013ގެ ފަހުން ވެސް ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވެ އެވެ.
ސަރުކާރުން މައިގަނޑު ގޮތެއްގައި މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހުތަކަކީ އިންޓަނޭޝަލް މަނިޓަރީ ފަންޑުން ސަރުކާރަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ. މިނިސްޓަރު ޖިހާދު މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެ ފިޔަވަޅުތައް އެޅުމަށް މެންބަރުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެ ފިޔަވަޅުތަކަށް މެންބަރުން ތާއީދު ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 971 މިލިއަން ރުފިޔާގެ ތެރެއިން 771 މިލިއަން ރުފިޔާއަކީ ބޭރުގެ ލޯނު އެހީގެ ގޮތުގައި ލިބޭނެ ފައިސާ އެވެ. އަދި 200 މިލިއަން ރުފިޔާ ޑޮމެސްޓިކް ފައިނޭންސްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓް 16.9 ބިލިއަނަށް އަރާއިރު 70.7 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން 48 ޕަސެންޓް މުވައްޒަފުންނަށް ހަރަދުވެ އެވެ. އަދި ސަރުކާރުން ލޯނު އަދާކުރުމާއި ސަބްސިޑީ އަށްދޭ ފައިސާ އަށް ވެސް އަންނަ އަހަރު ބަޖެޓްގެ ބޮޑުބައެއް ހަރަދުވެ އެވެ.