21 Sep 2010, 14:55
19:57
ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ ތެލުގެ އަގުތަކުގެ ސަބަބުން، ޢިއާދަވާ ހަކަތައިގެ ވަސީލަތްތަކުގެ މުހިންމުކަން ހާމަކޮށްދޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި އިއްޔެ ތަޤްރީރު ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސްގެ ތަޤްރީރުގައި، ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައި ވަނީ އިމްޕޯޓު ކުރެވޭ ތެލުގެ މައްޗަށްކަން ބަޔާންކުރައްވައި، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ ނޭދެވޭ އަސަރު ރާއްޖެއަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދު ފުޅާވަމުންދިޔުމާއި، ކުރިއަރަމުން އަންނަ ޤައުމުތަކުން ތެލަށް ބޭނުންވާ މިންވަރު އިތުރުވުމާ ގުޅިގެން، އަގުހެޔޮ ތެލުގެ ޒަމާން ނިމުމަކަށް އައިސްފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ތަޤްރީރުގައި، ތެލުގެ އަގު ރާއްޖެއަށް އަތް ނުފޯރާފަށަށް ހިނގައްޖެނަމަ ރާއްޖޭގައި ކުރެވޭ ވިޔަފާރިއާއި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހި، ރާއްޖޭގެ އިޤްތިޞާދު ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ދެއްވި އެވެ. އަދި ރާއްޖެއިން ތިމާވެށްޓާއި ރަޙްމަތްތެރި ގޮތުގައި ތަރައްޤީވުމުގެ މަގު ޚިޔާރު ކުރީ ބޭރުން އިމްޕޯޓު ކުރެވޭ ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމުގެ މަޤްޞަދުގައިކަން ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ކުރެއްވި ތަޤްރީރުގައި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޔާސަތުގެ މައިގަނޑަކީ، ހަކަތައިގެ މިނިވަންކަން ހޯދައި، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކުގެ ފުރިހަމަ ބޭނުންކޮށްގެން ހަކަތަ އުފެއްދުން ކަމުގައި ވިދާޅުވި އެވެ.
އެކި ގޮތްގޮތުން ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލަށްވުރެ ބޮޑު ގޮންޖެހުމެއް ރާއްޖެއަށް ކުރިމަތިވެފައިނުވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި ހަމައެއާއެކު، މި ގޮންޖެހުންތަކަކީ ރާއްޖެއަށާއި ދުނިޔޭގެ ކުރިއެރުމަށް ލިބިފައިވާ ފުރުޞަތުތަކެއް ކަމަށް ހެދިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭނުންވަނީ، އާ ޓެކްނޮލޮޖީގެ އެހީގައި ތިމާވެށްޓާ ރައްޓެހިގޮތުގައި ތަރައްޤީ ޙާޞިލު ކުރުމަށް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ.