27 Nov 2012, 13:47
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފޯނުކޯލްތައް ސަރުކާރުން އަޑުއަހަމުން ގެންދާ ކަމަށް ބުނެ އެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފޯނުކޯލްތައް އަޑުއަހައި ޖާސޫސްކުރަމުންދާ ކަމުގެ ޝަކުވާ އެ މެންބަރުންގެ ފަރާތުން ލިބެމުންދާ ކަމަށާއި އެ ކަމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ޒާތީ މިނިވަންކަމަށް އަރައިގަނެވޭ ފަދަ މައްސަލައެއް ކަމަށް ވާތީ އެކަން ހިނގާ ނުހިނގާ ގޮތް ބައްލަވައިދެއްވުމަށެވެ.
އެމްޑީޕީން ފޯން ކޯލްތައް މިސަރުކާރުން އަޑުއަހާ ކަމަށް ބުނެ މަޖިލީހަށް ވައްދާފައިވާ އިރު މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ވަނީ އެފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ ބައެއް މެމްބަރުންގެ ފޯންކޯލްތަކުގެ އޯޑިއޯ ކްލިޕްތަކެއް ވަނީ ލީކްވެފަ އެވެ. އެމައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި ސަރުކާރުގެ އަތެއް ނެތް ކަަމަށެވެ.
އެދުވަސްވަރު ލީކްވި އެފޯން ކޯލްތަކުގެ މައްސަލާގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިފަހުން އެމްއެންޑީއެފުން ބުނެފައި ވަނީ އެކޯލްތައް ލީކްވުމުގައި އެމްއެންޑީއެފްގެ އެއްވެސް އަތެއް ނޯންނާނެ ކަމަށާއި އެކަންތައް ހިނގަން މެދުވެރިވި ސަބަބެއް ބަަލާނެ ކަމަށެވެ.
އެ ފޯނު ކޯލުތައް ލީކް ކޮށްލާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ޕީޖީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެކަންތައް ހިނގައިފައި ވަނީ ކިހިނެއް ކަމެއް ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.