27 Nov 2012, 13:17
ގެއަކަށް ވަދެ އެގޭގައި އުޅުނު އުމުރުން 70 އަހަރުގެ އަންހެނަކަށް ވަޅިން ބިރުދައްކައިގެން އޭނާ އަށް ގަދަކަމުން ޖިންސީ އަނިޔާ ކުރުމަށް ފަހު ފިލައިގެން އުޅޭ މީހާގެ އެއްވެސް މައުލޫމާތެއް އަދި ވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ އަމަލު ހިންގާފައި ވަނީ މާލޭގެ ގެއަކަށް މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 6:35 އެހާކަންހާއިރު ވަދެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ އުމުރުން ދުވަސްވީ އަންހެންމީހާ އަށް ބިރުދައްކައި ގަދަކަމުން ޖިންސީ އަނިޔާ ކުރުމަށް ފަހު ފިލައިގެން އުޅޭ މީހާގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައިނުވާ ކަމަށެވެ. އަދި އެއީ ކޮން ނަމެއް ކިޔާ ކާކުކަމެއް ވެސް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް ހަމައެކަނި ލިބިފައި ހުރީ މީޑިއާ އަށް ވެސް އާންމުކުރި ސީސީޓީވީ ފުޓޭޖް. އޭނަގެ އެއްވެސް މައުލޫމާތެއް އަދި ތަހުގީގަށް ލިބިފައެއްނުވޭ. އެކަމަކު އެ މައްސަލައިގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް ބަލަމުން މިދަނީ،" ހަނީފް ވިދާޅުވި އެވެ.
ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމެއް ލިބިފައިވާ ފަރާތެއް ނަމަ ލަސްނުކޮށް އެކަން ފުލުސް އޮފީހަށް އެންގުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ މީހާގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ރައްކާތެރިކަމެއް ފޯރު ކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ.