27 Nov 2012, 12:50
މިހާރު މިދާ ރޭޓުން ދަރަނި އިތުރުވަމުންދާ ނަމަ ރާއްޖެއަކީ ބައިނަލްއަގުވާމީ މިންގަނޑުން ވަރަށް ބޮޑަށް ދަރަނިވެފައިވާ ގައުމަކަށް ވެގެން ހިނގައި ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް މަޖިލީހަށް ހުލާސާ ބަޔާން ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ މިހާރު ލަފާކުރެވިފައިވާ ގޮތުން ބޭރުގެ ދަރަނީގެ ޖުމްލަ މި އަހަރު ނިމޭ އިރު 15.1 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި އަދި އެތެރޭގެ ދަރަނި 16.2 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 31 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށާއި ގައުމީ އުފެއްދުންތެރި ކަމުގެ މިންގަނޑު ގައުމުގެ ދަރަނި 82 ޕަސެންޓަށް އުފުލޭނެ ކަމަށެވެ.
"ދެހާސް އަށެއް ނިމުނު އިރު 42 ޕަސެންޓްގައި ދަރަނި ހުރީ. އިއްޒަތްތެރި ރައީސް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދަރަނި ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން ވަނީ ދެ ގުނައަށް ބޮޑުވެފައި. މިހާރު ދަރަނިތައް އިތުރުވަމުންދާ ރޭޓުން އިތުރުވާ ނަމަ ދާދި އަވަހަށް ރާއްޖެއަކީ ބައިނަލްއަގުވާމީ މިންގަނޑުން ބަލާ އިރު ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ގައުމަކަށް ވެގެން ހިނގައިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދަރަޖަ އަށް ގައުމުގެ ހާލަތު ގޮސްފި ނަމަ ރާއްޖެ އަށް ލޯނުދިނުމަށް ބޭރުގެ ފަރާތްތަކުން އިއުތިރާޒްކޮށްފާނެ ކަމަށާއި އެހެންވެއްޖެ ނަމަ ބޭރުގެ އެހީތައް ރާއްޖެ އަށް ލިބުމަށް ވަރަށް ބޮޑުދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ވިދާޅުވީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ ޕްރޮމޯޓްވެފައިވާތީ ރާއްޖެ އަށް މިހާރު ކުރަން ޖެހިފައިވާ ކަމަކީ ލިބޭ އެއްޗަކުން ދެކޮޅުޖެއްސުން ކަމަށެވެ.
"ކުރިން ލިބެމުން ދިޔަ އެހީތައް އަޅުގަނޑުމެންނަށް މިހާރު ނުލިބޭ. އެކަން ފޫބައްދަން އޮތް ގޮތަކީ ލިބޭ އެއްޗަކުން ފޫބެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ޕަބްލިކް މެނޭޖްމަންޓް މޮޑިއުލް އަކީ ވަރަށް ހަރަދު ބޮޑު ނިޒާމެއް ކަމަށާއި އަންނަ އަހަރުގެ ރިކަރަންޓް ހަރަދުތަކުގެ ދެބައިކޮށްފައި އެއްބައި ދާނީ މުވައްޒަފުންގެ މުސާރައަށް ކަމަށެވެ.
އެގޮތުން އެކަން ރަނގަޅު ކުރުމުގެ ގޮތުން ޕޭ ރިވިއު ބޯޑެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އަވަހަށް ނިންމަވައިދެއްވަން ޖެހޭ ކަމަށް ޖިހާދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 971 މިލިއަން ރުފިޔާގެ ތެރެއިން 771 މިލިއަން ރުފިޔާއަކީ ބޭރުގެ ލޯނު އެހީގެ ގޮތުގައި ލިބޭނެ ފައިސާ އެވެ. އަދި 200 މިލިއަން ރުފިޔާ ޑޮމެސްޓިކް ފައިނޭންސްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓް 16.9 ބިލިއަނަށް އަރާއިރު 70.7 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން 48 ޕަސެންޓް މުވައްޒަފުންނަށް ހަރަދުވެ އެވެ.
އަދި ސަރުކާރުން ލޯނު އަދާކުރުމާއި ސަބްސިޑީ އަށްދޭ ފައިސާއަށް ވެސް އަންނަ އަހަރު ބަޖެޓްގެ ބޮޑުބައެއް ހަރަދުވެ އެވެ.
ސަރުކާރުން މިހާރު ލަފާކޮށްފައި ވަނީ މިއަހަރު ނިމޭއިރު 26 ބިލިއަން ރުފިޔާ އަށް ދައުލަތުގެ ދަރަނި އުފުލޭނެ ކަމަށް ވަނީ މިހާރު ލަފާކުރެވިފަ އެވެ.