27 Nov 2012, 12:35
މޯލްޑިވްސް ގޭމް ފިޝިންގް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ބާއްވާ، މޯލްޑިވްސް ގޭމް ފިޝިންގް ޗެލެންޖު 2012، ނިންމުން ފާހަގަކުރުމާއި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާ ދީފި އެވެ.
ރޭ ބަނޑޮސް އައިލެންޑް އައިލެންޑް ރިސޯޓްގައި ރަސްމިއްޔާތެއްގައި މުބާރާތުގެ އެންމެ މޮޅު މަސްވެރިޔާގެ މަގާމް ހޯދީ މަކައިރާ ޓީމުގެ ހުސައިން ނަސީމްް އެވެ. އޭނާ އަށް ލިބިފައި ވަނީ 1457.1 ފޮއިންޓެވެ. އަދި ދެވަނަ އަށް އެންމެ މޮޅު މަސްވެރިޔާގެ މަގާމް ހޯދީ 1177.6 ޕޮއިންޓު ހޯދި ލޭޑީލޫ ޓީމުގެ މުހައްމަދު އިސްމާއީލް (މޮހޯ)އެވެ. ތިން ވަނަ އަށް އެންމެމޮޅު މަސްވެރިޔާގެ މަގާމް ހޯދީ 730.29 ޕޮއިންޓާ އެކު ހަކަ ޓީމުގެެ ފާރޫގު ހުސައިން އެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ 1457.1 ޕޮއިންޓު ހޯދި މަކައިރާ ޓީމެވެ. އަދި ދެވަނަހޯދީ 1177.6 ޕޮއިންޓު ހޯދި ލޭޑީ ލޫ ޓީމެވެ.
އެންމެ ބަރު ހިބަރު ބާނާފައި ވަނީ ލޭޑީ ލޫ ދޯނީގެ މޮހޯ އެވެ. އެއީ 32 ކިލޯގެ ހިބަރެކެވެ. އަދި އެންމެ ބަރު ކުރުމަސް ބޭނީ މީރު ޓީމްގެ އަހްމަދު ޒާހިރު (ޔާންޓޭ) އެވެ. އޭނާ ބާނާފައި ވަނީ 12.6 ކިލޯގެ ކުރުމަހެކެވެ. އެންމެ ބަރު މަސްހިބަރާއި އެންމެ ބަރު ކަޅުބިލަމަސް ބޭނި މަސްވެރިޔާގެ މަގާމަށް އެއްވެސް ފަރާތެއް ހޮވިފައެއް ނުވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އޮފް ޓޫރިޒަމް އަހްމަދު އަދީބު ވިދާޅުވީ އަމިއްލަފަރާތަކުން އިސްނަގައިގެން ބައިނަލްއަގްވާމީ ފެންވަރުގެ މިފަދަ މުބާރާތެއް ބޭއްވުމަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ ފާހަގަ ކޮށްލެވޭ ކާމިޔާބިއެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖަމިއްޔާއަކުން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގެ މިފަދަ އިވެންޓެއް މިހާކާމިޔާބުގޮތެއްގައި ދެ ވަނަ ފަހަރަށް ބޭއްވުމަކީ ވަރަށް ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީއެއް،" އަދީބު ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އިތުރުވެގެން ދިޔަ ވަރަށް މުހިއްމު އަދި އެހާމެ އަގުހުރި އިވެންޓެއް،"
އަދީބު ވިދާޅުވީ އަމިއްލަ ޖަމިއްޔާއަކުން އެފެންވަރުގެ ރަނގަޅު މުބާރާތެއް އިންތިޒާމްކޮށް ރާވައި ހިންގާ އިރު ސަރުކާރުން ވެސް އެފަދަ ކަންތައްތަކަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ގޭމް ފިޝިން އަށް ބަޖެޓެއް ހިމެނުމަށް ވެސް ޕްރޮމޯޝަން ބޯޑުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
"އަމިއްލަ ޖަމާއަތަކުން މިފެންވަރުގެ މުބާރާތެއް ރާވައި ހިންގާ އިރު އަޅުގަނޑު ދެކެނީ ސަރުކާރުން ވެސް މިފަދަ ކަންތަކަށް އެހީތެރިވެދޭން ޖެހޭނެ ކަމަށް. އަންނަ އަހަރު ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވަރަށް ރަނގަޅު ބަޖެޓެއް އެބައޮތް. އަޅުނގަޑު ޕްރޮމޯޝަން ބޯޑަށް ހުށަހަޅާނަން ގޭމްފިޝިންގް ޕްރޮމޯޓްކުރުމަށް ފުދޭވަރުގެ ބަޖެޓެއް ހިމަނަން." މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް ގޭމް ފިޝިންގް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް އަހްމަދު ނަޒީރު ވިދާޅުވީ އެ މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް އެހީތެރި ވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާ ކަމަށާއި އަދި 2013 ވަނަ އަހަރު އެ މުބާރާތް މިއަށްވުރެ ވެސް ބޮޑު ތަރުހީބެއް ލިބޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
މޯލްޑިވްސް ގޭމް ފިޝިންގް ޗެލެންޖަކީ މޯލްޑިވްސް ގޭމް ފިޝިންގް އެސޯސިއޭޝަނުން އަހަރަކު އެއްފަހަރު ބޭއްވުމަށް ރާވާފައިވާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މިއީ މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.