27 Nov 2012, 12:18
ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގުރާމްގެ ދަށުން ކުދި އައިސްޕުލާންޓާއި މަސް ދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ހަރުކުރުމުގެ އިތުރުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މިއަދު ބުނީ އެ ލޯނަށް އެދުމުގެ މުއްދަތު މިދިޔަ އާއްދިތަ ދުވަހު ހަމަވުމާ ގުޅިގެން އެ ފުރުސަތު އިތުރު ފަރާތްތަކަށް ދިނުމުގެ ގޮތުން ދެ މަސް ދުވަހަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ދެން މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހަށް ކަމަށެވެ.
"މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމް ސަރުކާރު ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބުރާންޗުންނާއި އެ ބޭންކުގެ އެތެރޭ ބުރާންޗުތަކުން ލިބެން ހުންނާނެ" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ މަސްވެރިން ބާނާ މަސް އުޅަނދު ފަހަރަށް ނޫނީ ފެކްޓްރީތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނިފަހަރުގައި ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން އެ ދޯނިފަހަރަށް ބޭނުންވާ ވަސީލަތްތަށް ހޯދައިދިނުމަށް ޓަކައި ހިންގާ މަޝްރޫއެއް ކަމަށެވެ.