27 Nov 2012, 12:13
ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު އަވަހާރަވިތާ އަށް އަހަރު ފަހުން، އޭނާ އަވަހާރަވި ސަބަބު ހޯދުމަށް ތަހުގީގުކުރުމަށް ޓަކައި އަރަފާތުގެ ގަބުރު ކޮނެ ނަގައިފި އެވެ.
ހުޅަނގު އައްސޭރީގެ ރާމަﷲގައިވާ އަރަފާތުގެ ގަބުރުފުޅު ކޮނެގެން ނެގުމަށް ފަހު މިހާރު ގެންގޮސްފައި ވަނީ މިސްކިތަކަށް ކަމަށާއި، އެ މިސްކިތުގައި ބާއްވައިގެން، ބައިނަލްއަގުވާމީ ތަހުގީގު ޓީމަށް ބޭނުންވާ ސާމްޕަލް ނަގާނީ ފަލަސްތީނުގެ ޑޮކްޓަރުން ކަމަށް އަލްޖަޒީރާ ބުންޏެވެ.
އަރަފާތު އަވަހާރަވި ސަބަބު ހޯދުމަށް ތަހުގީގުކުރަމުން އަންނަ ބައިނަލްއަގުވާމީ ޓީމުތައް ރާމަﷲގައި ހުންނަ ޕެލަސްޓައިން އޮތޯރިޓީ (ޕީއޭ)ގެ ހެޑްކުއާޓަރަށް ދިޔައީ މިދިޔަ ހޯމަދުވަހު އެވެ.
ތަހުގީގު ޓީމުން ޔާސިރު އަރަފާތުގެ ގަބުރު ނެގުމަށް ކުރި މަސައްކަތް ޕީއޭ އިން މުޅިންހެން މީޑިއާއަށް ސިއްރުކޮށްފައިވާ ކަމަށާއި އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ އަރަފާތުގެ ގާނޫނީ ވަކީލުންނަށް ވެސް އެތަނަށް ހާޒިރުވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.
އަރަފާތު އަވަހާރަވި ގޮތް ހޯދުމަށް ތަހުގީގުކުރާ ބައިނަލްއަގުވާމީ ޓީމްތަކުގެ ތެރެއިން ފަރަންސޭސި ސައިންސްވެރިންގެ ޓީމުގައި ހިމެނެނީ ތިން ޓެކްސޮކޮލޮޖިސްޓަކާއި ޕެތޮލޮޖިސްޓަކާއި ޖެނެރަލިސްޓެކެވެ. ތަހުގީގުގައި ސްވިޒަލޭންޑްގެ ސައިންސްވެރިން ވެސް ބައިވެރިވެ އެވެ. އަދި އޭގެ އިތުރުން ރަޝިޔާގެ މާހިރުން އެމީހުންގެ އަމިއްލަ މިނިވަން ތަހުގީގެއް ކޮށްދިނުމަށް ވެސް ޕީއޭއިން ވަނީ އެދިފަ އެވެ.
އަރަފާތު އަވަހާރަވީ އިރު އޭނާއާ އެކުގައިވި ބައެއް ތަކެތި، ފަރަންސޭސި ތަހުގީގު ޓީމަށް ސުހާ އަރަފާތު ފޯރުކޮށްދެއްވި ކަމަށާއި އެތަކެތީގައި މަތީ މިންވަރަކަށް ޕޮލޯނިއަމް -210 ހުރިކަމަށް ދެއްކި ކަމަށް އަލްޖަޒީރާ އަށް އެނގިފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ. ނަމަވެސް އެ ރޭޑިއޯ އެލެމެންޓް އަރަފާތުގެ ހަށިގަނޑުގައި ހުރި ނަމަވެސް މިހާރު ހުންނާނީ ވަރަށް މަދުން ކަމަށް ބެލެވޭ ކަމަށާއި އެއީ އެ މާއްދާއަކީ ވަރަށް އަވަހަށް ނެތެމުންދާނެ މާއްދާއަކަށް ވާތީ ކަމަށް ވެސް ބުންޏެވެ.
ރަސްމީ އިއްޒަތުގައި އަރަފާތުގެ ހަށިކޮޅު އަލުން ވަޅުލުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.