މީޑިއާގެ ބައެއް ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ޑިޕާޓްމަންޓް އިންފޮމޭޝަން ސަރުކާރުން އުވާލާލުމުން އެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަރުހަބާ ކިޔައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑިޕާޓްމަންޓް އިންފޮމޭޝަން އުވާލުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމާ ގުޅުން ހުރި ކަންކަމަކީ ސަރުކާރު އިދާރާއެއްގެ ތެރެއިން ކުރަން ޖެހޭނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެކަންކަން ކުރުމަށް ގާނޫނުތަކުން ކަނޑައަޅާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލު ކުރުމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

"ނޫސްވެރިންނާ ގުޅުން ހުރި އެއްވެސް ކަމެއް ސަރުކާރުގެ އިދާރާއެއްގެ ތެރެއިން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ މި ޖަމިއްޔާ އިން ގަބޫލުކުރާ އުސޫލެއް ވެސް ނޫނެވެ. މި ޖަމިއްޔާ އިން ގޮވާލަނީ ނޫސް މަޖައްލާ ފަދަ ތަކެތި ރަޖިސްޓްރީކޮށް، މީޑިޔާގެ އެކި އެކި ވަސީލަތްތަކަށް ލައިސެންސް ދިނުމުގެ ކަންކަން، މީޑިޔަމްތައް ރެގިއުލޭޓް ކުރުމަށް ގާނޫނުތަކުން ކަނޑައަޅާފައިވާ މޯލްޑްވްސް މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ދަށަށް ބަދަލުކުރުމަށެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، މީޑިޔާއާ ގުޅުން ހުރި ކަންކަން މިނިވަން އަދި މުސްތަގިއްލު މުއްސަސާއަކުން ނޫނީ ކޮށްގެން ނުވާނެ ކަމަށް އެ ޖަމިއްޔާ އިން ދެކޭކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް އޮތް ނަމަ އެފަދަ ގާނޫނު ނޫނީ ގަވާއިދުތައް އުވާލުމަށް ވެސް އެމްޖޭއޭ އިން ގޮވާލާފައިވެ އެވެ.

"[މީޑިޔާއާ ގުޅުން ހުރި ކަންކަން މިނިވަން މުއްސަސާއަކުން ނޫނީ ނުކުރެވޭނެ ގޮތަށް] ހުރަސް އެޅޭނެ ގާނޫނެއް ގަވާއިދެއް މިހާރު އޮތް ނަމަ އެފަދަ ގާނޫނެއް ރައްޔިތުން މަޖިލީހަށް ހުށަހަޅައިގެން އެ ގާނުނެއް ނުވަތަ ގަވާއިދަށް ބަދަލު ގެނައުމަށް ވެސް މި ޖަމިއްޔާ އިން ގޮވާލަމެވެ."

މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ދަށުން ހިނގަމުން ދިޔަ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، އުވާލައްވައި އެ ޑިޕާޓްމަންޓުން ކުރަމުން އައި މަސަކަތް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

ސަރުކާރުން ގެނައި އެ ބަދަލާ އެކު ރާއްޖޭގެ މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީ ކުރުމާއި، މީޑިއާގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގެ އިތުރުން އެ ދާއިރާ ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތާއި ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފުތަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ޓޫރިޒަމް މިނިސްޓްރީން ކުރާ ގޮތައް ވަނީ ހަމަޖައްސައިފަ އެވެ.