ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން މިހާރު ނަގަމުން އަންނަ ބައެއް ޓެކްސްތައް ބޮޑުކޮށް އިތުރު އާ ޓެކްސްތަކެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމައި އެކަން މިއަދު ސަރުކާރުން އިއުލާންކޮށްފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމާ އެކު އާމްދަނީ ވެސް އިތުރު ކުރަން ޖެހެތީ އާމްދަނީ އިތުރުކުރުމުގެ ގޮތުން އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެނައުމާއި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީ ޖީއެސްޓީ ރޭޓް 15 ޕަސެންޓަށް ބޮޑުކުރުމާއި މުއާސަލާތީ ހިދުމަތުންނާއި ތެލުން ޖީއެސްޓީ ނެގުމާއި އަދި އެއާޕޯޓުން ފުރާ ބިދޭސީންގެ އަތުން ނަގާފީ 30 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބެޑް ޓެކްސްގެ ގޮތުގައި ކޮންމެ ޓޫރިސްޓެއްގެ އަތުން ރެއަކު ނަގާ އަށް ޑޮލަރު، 2013ގެ ފަހުން ވެސް ނަގަމުން ގެންދިޔުމަށް ވެސް މިނިސްޓަރު ހުށަހެޅުއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ވެސް 18.5 ޑޮލަރު ނަގާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް! ބަޖެޓަށް ބޭނުންވާ އާމްދަނީ ލިބިގެންދާނީ މި ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް ގާނޫނުތައް ފާސްކޮށްދެއްވުމުން. މީގެ އިތުރުން ޓެކްސްއާ ނުގުޅޭ އާމްދަނީ އިތުރުކުރެވޭނެ ފިޔަވަޅުތައް އަޅުމަށް ވެސް ވަނީ ގަސްތުކޮށްފައި. އަޅުގަނޑު މިއަދު ތިޔަ އިއްޒަތްތެރި މެންބަރުންގެ ކިބައިން މިއެދެނީ ހަރަދުކުޑަކޮށް އާމްދަނީ ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކޮށްދެއްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ. މީގެ އިތުރުން ހަރަދުކުޑަކުރުމަށް ސަރުކާރުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކުގެ ހުލާސާ ވެސް މަޖިލީހަށް ދެއްވި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ސަބްސިޑީގެ ނިޒާމު އަލުން ދިރާސާ ކުރުމާއި އެކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި ހުސްމަގާމުތަކަށް ވެސް އިތުރު މުވައްޒަފުން ނުނަންގަވާނެ ގޮތްތަކެއް ރާއްވަވާނެ ކަމަށާއި އާސަންދައިގެ ނިޒާމަށް މިހާރަށް ވުރެ ވެސް ހަރުދަނާ ބަދަލުތަކެއް ގެނެސް އެ ނިޒާމު ގާނޫނުގެ ތެރެއަށް ފައްތާނެ ކަމަށެވެ.

ކައުންސިލްތަކާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބި ދާއިމީ މެންބަރުންގެ އަދަދު މިހާރަށް ވުރެ މަދުކުރަން ނިންމަވާފައިވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. ސަރުކާރުގެ އިމާރާތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމާއި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރަން ނިންމަވާފައިވާކަން ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި ޑަބަލް ޕެންޝަން ހުއްޓުވަން ވެސް ސަރުކާރުން ވަނީ ރާވައިފަ އެވެ.

"އަޅުގަނޑުމެންނަށް އިނގޭ އެއްޗަކީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށް ވުރެ ހަރަދު ބޮޑުކޮށްގެން، ތާއަބަދު ނުތިބެވޭނެކަން. އަދި މި އެޅޭ ފިޔަވަޅުތަކަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އޭގެ އަސަރު ކޮންމެ ވެސް މިންވަރަކަށް ފޯރާނެ ފިޔަވަޅުތަކެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަށާއި އާމްދަނީ ކުޑަކުރުމަށް މިހާރު އެ ފިޔަވަޅުތައް ނާޅައިފި ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅުތަކުން އަންނަ ގުޑުން މާބޮޑުވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ މި އަހަރަށް ވުރެ 2.2 ބިލިއަން ރުފިޔާ އިތުރު 16.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ އާމްދަނީއަކީ 12.9 ބިލިއަނަށްވާ އިރު ބަޖެޓްގެ ޑެފިސިޓް ހަތަރު ބިލިއަނަށް އަރަ އެވެ.