27 Nov 2012, 11:08
ފުލުހުންގެ އިންޓެލިޖެންސާއި ކަސްޓަމްސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 ކިލޯގެ މަސްތުވާތަކެއްޗާ އެކު މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ފަޅާއަރުވާލައިފި އެވެ.
ކަސްޓަމްސް ބިލްޑިންގުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރު ހުސެއިން ޝާޒު ވިދާޅުވީ ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ އިން ފެށިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އިންޑިއާގެ ޓުޓްކޮރިން އިން ރާއްޖެ އައި "ސިލްވާ ކްލައުޑް" ނަމަކަށް ކިޔާ އިންޑިއާގެ ލަކުޑި ބޯޓަކުން 10 ކިލޯއެއްހާ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ ފަތިހު އެ ބޯޓު ބަލައި ފާސްކޮށް އެ ބޯޓުންނާއި އެ ބޯޓުގެ ފަޅުވެރިންގެ އަތުން ފެނިފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އާއި ހެރޮއިން ކަމަށެވެ. އެ ބޯޓުގެ އަށް ފަޅުވެރިންނަކީ ވެސް އިންޑިއާގެ މީހުން ކަމަށާއި އެ އެންމެން ވެސް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ބޯޓުގެ އަށް ފަޅުވެރިންނަކީ ވެސް އިންޑިއާގެ ރައްޔިތުން ކަމަށް ފާހަގަ ކުރެވޭ. އެ އެންމެން ހައްޔަރު ކުރުމަށް ފަހު ކަސްޓަމްސްގެ ފަރާތުން މިހާރު ވަނީ އެ މީހުން ފުލުހުންނާއި ހަވާލުކޮށްފައި،" ޝާޒް ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި ފަޅުވެރިންގެ އިތުރުން އެކަމާ ގުޅުންހުރި ކަމަށް ބެލެވޭ ދިވެހީން ވެސް ފުލުހުން ހައްޔަރުކޮށް މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ އެ އޮޕަރޭޝަންގައި ހަތަރު ދިވެހީންނާއި އަށް ބިދޭސީއަކު މިހާރު ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާތަކެއް ވެސް އެ އޮޕަރޭޝަންގައި ހޯދާފައިވާ ކަމަށާއި އެކަމާ ގުޅިގެން މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗީފް ކަސްޓަމްސް އޮފިސަރު ޝާޒު ވިދާޅުވީ އެ ބޯޓަކީ މީގެކުރިން ވެސް ރާއްޖެ އައިސްއުޅޭ ބޯޓެއްކަމަށާއި އެ ބޯޓު މިހާރު އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.