ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން އެކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ރީޖަނަލް ޓްރާންސްޕޯޓުން މިއަދު ބުނީ މީހުން ދިރިއުޅޭ ރަށްރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން އެ ހިދުމަތްދެވޭނެ ގާބިލު ކުންފުއްޏެއް ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކަށް އަންނަ މަހުގެ 19 ވަނަ ދުވަހު ކުރިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ބުނީ އެކަމަށް ޝައުގުވެރި ކަމަށް އެދި ހުށަހަޅާ އިރު އެ ކުންފުނިތަކުގެ ޕްރޮފައިލާއި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރުގެ އާއްމުދަނީގެ ހިސާބުތައް ހުށައަޅަން ޖެހޭ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ސީޕުްލޭން ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާ އިރު ރާއްޖޭގެ ބައެއް ރަށްރަށަށް އެއާޕްލޭންގެ ހިދުމަތް ދިނުމުގެ ގޮތުން މޯލްޑިވިއަން އެއާޓެކްސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ދުވަހު މޯލްޑިވިއަން އެއާޓެކްސީން ބުނީ އެދަތުރުތައް މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ދަތުރުތައް ފެށޭނެ ކަމަށާއި އަދި ދަތުރުތައް ފެށުމުން ކޮންމެ ހަފުތާއަކު ކޮންމެ ސަރަހައްދަކަށް ދެ ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ދަތުރުތައް ފަށައިފައެއް ނުވެ އެވެ.