އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދައްކަވާފައިވާ ވާހަކަފުޅު އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ މަންދޫބު އިބްރާހިމް ހުސެން ޒަކީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ތާރީހުގައި ޒަކީ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަލާމަތީ ހާލަތު ހީނަރުވަމުންދާކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އެކުވެރި ދައުލަތްތަކުން ހުރުމަތްތެރިކޮށް ހިތުމަށް އޮންނަ ވާޖިބާ މެދު ދައްކަވާފައިވާ ވާހަކަފުޅު ބައެއް ފަރާތްތަކުން ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށެވެ. އަދި އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ އެއްބާރުލުމަށް ރިއާޔަތްކޮށް ދެއްކެވި ވާހަކަތައް ދައްކަވާފައި ވާނީ ސުލްހަވެރިކަމާއި ގާނޫނީ ގޮތުން އަމަންއަމާންކަން ދެމެހެއްޓުމާ މެދު މިޒަމާނުގައި ތަރުހީބު އިތުރުވަމުންދާ ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތަށާއި ދެ ގައުމުގެ ވެސް އާއްމު މަސްލަހަތަށް ވިސްނައިގެން ކަމަށެވެ.

"އެވާހަކަތަކުން އިޖާބަދެވިފައި އެވަނީ ސިޔާސީ ގޮތުން ކުރެވޭ ހާނީއްކަ އާއި އަނިޔާތައް ދިވެހިރާއްޖޭގައި ގިނަވަމުންދާ ދިއުމާ މެދު ވަރަށް ސާފު ބައިނަލް އަގުވާމީ މިންގަނޑުތަކެއް ކަނޑައެޅިފައި ހުރީތީއެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާފާނެ ނުވަތަ ޔުނައިޓެޑް ނޭޝަންސްގެ ޗާޓަރާ ހިލާފް ބޭނުމެއް ފުންދާން އަޅުގަނޑު އެދިފާނެ ކަމަށް ނުވަތަ އިންޑިއާ އިން އެފަދަ އެފަދަ އެދުމެއް ބަލައިގެންފާނެކަމަށް ބުނަމުން ދިއުން ވާނީ ލަދުވެތިކަމެއް ނެތި ދެކެވޭ ތާކުން ތާކުނުޖެހޭ ވާހަކަތަކަށް ކަމަށެވެ.

ޒަކީ ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ "އަހަރުމެން ވެރިކަމުގައި ތިބި ނަމަ އަހަރުމެން ޔަގީން އިންޑިއާގެ ބާރުތައް މިހާރު ތިބީހީ ރާއްޖޭގައި،" ކަމަށެވެ.