ޣައްޒާ (ނޮވެމްބަރ 27): ދާދިފަހުން އިސްރާއީލުން ޣައްޒާ އަށް ދިން ޢުދުވާންގައި ލިބުނު މާއްދީ ގެއްލުންތައް 1.2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ޙަމާސް ޖަމާއަތުން ބުނެފި އެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ވެރިކަމުގެ އިދާރާ އިން ބުނީ އަށްދުވަސްވަންދެން އިސްރާއީލުން ވަޔާއި ކަނޑުގެ މަގުންދިން މިޢުދުވާންގައި ޢިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރަށް ސީދާ ގޮތެއްގައި ލިބުނު ގެއްލުންތައް 545 މިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށާއި ނުސީދާ ގެއްލުންތައް 700 މިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމުގަ އެވެ. އެމެރިކާގައި އުފައްދާފައިވާ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާ އަށް ދިން ގަދަފަދަ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އާންމުންގެ ގެދޮރަށާއި ސަރުކާރުގެ ޢިމާރާތްތަކަށާއި އަދި މަދަނީ އިންފްރާސްޓްރަކްޗާ އަށެވެ.
މިގޮތުން އާންމުގެ 200ގެ އިސްރާއީލުގެ ޢުދުވާންގައި އެއްކޮށް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމަށާއި އަށް ހާސް ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ޙަމާސުން ބުނެ އެވެ. އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި އެއްކޮށް ފުނޑުފުނޑުކޮށްލާފައިވާ ޣައްޒާގެ ސަރުކާރުގެ ޢިމާރާތްތަކުގެ ތެރޭގައި ދާޚިލީ ވުޒާރާގެ ޢިމާރާތާއި ޙަމާސްގެ ވެރިކަމުގެ އިދާރާގެ މައިމަރުކަޒުގެ ގޮތުގައި ބޭނުންކުރާ އެތައް ބުރީގެ ޢިމާރާތުގެ އިތުރުން ސަރުކާރުގެ ޢާންމު އޮފީސްތަކާއި ޢާންމު ޚިދުމަތްތައްދޭ 24 ޢިމާރާތް ހިމެނޭކަމަށް ޙަމާސްގެ ވެރިކަމުގެ އިދާރާގެ ތަރުޖަމާން ތާހިރުއްނޫނޫ ވިދާޅުވި އެވެ. އަދި ތިން މިސްކިތާއި ހޮސްޕިޓަލެއް ވެސް އިސްރާއީލުން ވަނީ ޙަމަލާދީ ބިމާ ހަމަކޮށްލާފަ އެވެ.

މީގެ އިތުރުން އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ސަތޭކަ ޢިމާރާތެއްގައި ރެނދުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާ ބުނާ ގޮތުން އިސްރާއީލުގެ ޢުދުވާނުގައި ވަނީ 166 މީހުން ޝަހީދުވެ 1235 މީހުން ޒަޚަމްވެފަ އެވެ. ޒަޚަމްވި ބައެއް މީހުން ވަނީ ނުކުޅެދޭ މީހުންނަށް ބަދަލުވެފައި ކަމަށް ވެސް ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާ ބުނެ އެވެ. އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުވި 166 މީހުންގެ ތެރޭގައި ގިނައީ ޢާންމުންނެވެ. ޚާއްސަކޮށް ފިރިހެނުންނެވެ. ނަމަވެސް ޝަހީދުވި މީހުންގެ ތެރޭގައި 43 ކުޑަކުދިންނާއި 13 އަންހެނުން ވެސް ހިމެނޭ ކަމަށް އެވުޒާރާ ބުނެއެވެ. ޣައްޒާ އަށް ދިން ޢުދުވާނީ ޙަމަލަތާތަކުގައި އެ ސަރަޙައްދުގެ 1500 އަމާޒަކަށް އިސްރާއީލުން ބޮމާއި ރޮކެޓާ އަދި މިސައިލް ޙަމަލާތައް ދީފައިވާކަން އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ.

އަށްދުވަހަށް ފަހު އިސްރާއީލުން ޢުދުވާން ހުއްޓާލާފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް އިނދަޖައްސާލުމުގައި ނާކާމިޔާބުވެ ހަނގުރާމައިގެ މަޤްސަދް ޙާސިލް ނުވުމާ ގުޅިގެންނާއި ޙަމާސްގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)