ޤާހިރާ (ނޮވެމްބަރ 27): މިސްރުގެ ރިޔާސަތަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައީސް މުހައްމަދު މުރުސީ ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން އުފެދިފައިވާ މައްސަލަ ޙައްލުކުރުމަށް މުރުސީ އާއި މިސްރުގެ ފަނޑިޔާރުންނާ ބެހޭ އެންމެމަތީ މަޖިލީހުން އެއްބަސްވުމަކަށް އައުވެއްޖެ އެވެ.

މިމައްސަލަ ޙައްލުކުރުމަށް ދެ ފަރާތުން އެއްބަސްވުމަކަށް އައީ މިސްރުގެ އިސްފަނޑިޔާރުންނާ ރައީސް މުރުސީ ބައްދަލުކުރައްވައި އޭނާގެ ރިޔާސީ އަމުރަކީ ނާޖާއިޒު ފައިދާތަކެއް ނެގުމުގެ ނިޔަތެއްގައި ނެރުއްވި އަމުރެއް ނޫންކަމާ އެއީ މިސްރުގެ މިހާރުގެ ޙާލަތު އޮތް ގޮތުން ގައުމީ މަސްލަހަތު ޙިމާޔަތް ކުރެއްވުމަށް ނެރުއްވަންޖެހުނު ވަގުތީ އަމުރެއްކަން އެބޭފުޅުންނަށް ވިސްނައި ދެއްވިމާ މާގުޅިގެން ކަމަށް ޚަބަރު ލިބެ އެވެ.

މުރުސީގެ ރިޔާސީ އަމުރުގެ މައްސަލަ ޙައްލުކުރުމަށް މުރުސީ އާއި މިސްރުގެ ފަނޑިޔާރުންނާ ބެހޭ އެންމެމަތީ މަޖިލީހުން އެއްބަސްވެފައި ވަނީ މި އަމުރުގެ ސަބަބުން މިސްރުގެ ރިޔާސަތުގެ އެއްވެސް ނުފޫޒެއް ޝަރުޢީ ދާއިރާ އަށް ނުހިންގުމަށާއި މުރުސީގެ ރިޔާސީ އަމުރުގައިވާ ގޮތަށް ޢަމަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން އޭނާ ނިންމަވާ ޤައުމުގެ ޢާންމު މަސްލަހަތާއި މިނިވަންކަމާ އަދި ސިޔާދަތާ ގުޅޭ ނިންމެވުންތަކަށް އެކަނި ހިނގާ ގޮތަށެވެ. އަދި ޝަރުޢީ ދާއިރާ މުސްތަޤިއްލުކޮށް ބޭއްވުމަށާއި އެ ދާއިރާ އަށް އެއްވެސް ބާރެއް ނުފޫޒެއް ސަރުކާރުން ނުހިންގުމަށް މުރުސީ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މިއެއްބަސްވުމުގެ ސަބަބުން މިސްރުގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް ޙައްލެއް އައިސް މަސްރަޙު ފިނިވުމަށް މަގުފަހިވެގެންދާނެ ކަމަށް މިސްރުގެ ބައެއް މުޙައްލިލުން ދެކެ އެވެ. މުރުސީގެ ރިޔާސި އަމުރާގުޅިގެން ހުރިހާ ކޯޓްތަކާއި ފަނޑިޔާރުން ހަޅުތާލުކުރުމަށް ބައެއް ފަރާތްތަކުން ގޮވާލި ގޮވާލުމަށް މިސްރުގެ ފަނޑިޔާރުންނާ ބެހޭ އެންމެމަތީ މަޖިލިސްވަނީ ދެކޮޅު ހަދާފަ އެވެ. އެމަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވި އިރު މުރުސީ ވަނީ މިކަމަށް އެމަޖިލީހުގެ މެންބަރުންނަށް ތާރީފު ކުރައްވާފަ އެވެ.

މިސްރުގެ ރިޔާސަތަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ދަސްތޫރަށް ބަދަލުކުރުމަށް ރައީސް މުރުސީ ނެރުއްވި ރިޔާސީ އަމުރެއް ނެރުއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއަމުރާ ގުޅިގެންމިސްރުގައި ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ އިދިކޮޅު ފަރާތްތަކާ އަދި އޭނާއާ ވާދަވެރި ފަރާތްތަކާ ދެމެދު ހިނގަމުންދާ މި ކުރިމަތިލުންތަކުގައި ދެ މީހަކު މަރުވެ ދުއިސައްތައަށް ވުރެ ގިނަމީހުން ޒަޚަމްވެ މުޅި މިސްރު ވަނީ ސިޔާސީ ގަޑުބަޑުކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. (އަލްޖަޒީރާ)