ކުރީގެ ސަރުކާރުން 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދޫކުރި އެވެ. އަދި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްތައް މެލޭޝިޔާގެ ނެކްސްބިޒާއި 22 އަހަރު ދުވަހުގެ މުއްދަތައް މެލޭޝިޔާގެ ނެކްސްބިޒާ ހަވާލުކުރި އެވެ. އެ ދެ އެއްބަސްވުމަކީ ތަފާތު ދެ ތާރީހެއްގައި ކޮންޓްރެކްޓް ކުރެވުނު އެއްބަސްވުމަކަށް ވިޔަސް އެ އެގްރިމަންޓްތަކުގެ ގެއްލުން ތިލަފަތުން ކިރާލީމާ ވަނީ ހަމަހަމަ އެވެ.

ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރުމުން ވެސް ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާންޖެހުމަކީ ހަގީގަތެކެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ކޮންމެ ޕެސެންޖަރެއްގެ އަތުން ނަގަން ހަމަޖައްސާފައިވާ އޭޑީސީ އާއި އިންޝޫއަރެންސް ފީއާ އެކު 27 ޑޮލަރު ސަރުކާރަށް ދައްކާ ފައިސާ އިން ކެނޑުމުން ސަރުކާރަށް އެއްވެސް ފައިސާއެއް ނުލިބުމެވެ. އެއީ މުޅި އެ ކޮންޓްރެކްޓްގެ ދޯދިޔާ ކަމުގެ މައްސަލަ އެވެ.

ދެން އޭގެ އަނެއް ފަރާތުގައި އޮތީ ގެއްލުންމުން ފުރިފައިވާ ބޯޑާކޮންޓްރޯލްގެ މަސައްކަތެވެ. މުޅި އެ އެ ޕްރޮޖެކްޓް 22 އަހަރަށް 500 މިލިއަން ޑޮލަރަށް މެލޭޝިޔާގެ ނެކްސްބިޒަށް ދޫކޮށްލި އިރު އެކަމުގެ ދައުލަތަށް އޮތީ ހުސް ގެއްލުމާ ތަކުލީފެވެ. އެ ޕްރޮޖެކްޓްގެ ދަށުން ހައްދާ ކޮންމެ ވިސާ ކާޑަކަށް 15 ޑޮލަރުނަގަ އެވެ. ފުރާ ކޮންމެ ފަސިންޖަރަކު ވެސް ކޮންމެވެސް ޓެކްސް ދައްކަން ޖެހޭ ގޮތަށް މުޅި އެގްރިމަންޓް އޮތީ ބައްޓަން ކުރެވިފަ އެވެ.

ނަމަވެސް އެކަން ހުއްޓުވުމަށް ގޮވާލެވޭ އަޑުތައް މަދެވެ. އެއީ "ބޮޑު ކޮރަޕްޝަނެއް" ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޮތީ މިހާރު ވެސް ނިންމައިފަ އެވެ. އިންޑިއާ އާއި އެމެރިކާ އިން ހިލޭދޭން އެއްބަސްވި މުޅި ބޯޑާ ކޮންޓްރޯލް ސިސްޓަމް ނެކްސް ބިޒާ ހަވާލުކުރުމުން ދައުލަތަށް ބަދަލުގައި ލިބެނީ 2.5 ބިލިއަން ރުފިޔާގެ ގެއްލުން ކަމަށް އޭސީސީން ވަނީ ހިސާބުޖަހައިފަ އެވެ.

ނަމަވެސް އެންމެ ބޮޑު ޖޯކަކީ ޖީއެމްއާރުގެ މައްސަލަ ބޮޑު ގައުމީ މައްސަލައަކަށްވެ ސަރުކާރުގެ ކޯލިޝަންގައި ތިބި ޕާޓީތަކާއި ހުދު ރައީސް ވެސް ޖީއެމްއާރު އެގްރިމަންޓަށް ފާޑު ވިދާޅުވާ އިރު ބޯޑާ ކޮންޓްރޯލާ ހިސާބުން އަޑު މަޑުވެ އެވެ. ނަމަވެސް ގެއްލުމާއި ފައިދާ އަށް ބަލާއިރު އެ ދެ ކޮންޓްރެކްޓުން ވެސް ދައުލަތަށް އޮތީ ގެއްލުމެވެ.

ނަމަވެސް ހޫނު ބަހުސްތައް ހިނގަނީ އެންމެ މައްސަލައެއްގަ އެވެ. އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކުން ސީދާ ޖީއެމްއާރުގެ ދިފާއުގައި ނިކުންނަ އިރު އަނެއް ބަޔަކު ބޮޑެތި ރެލީތައް ބާއްވަނީ އެންމެ މައްސަލަ އެއްގަ އެވެ. އޭގެން އެއްވެސް ބަޔަކު ކުރަނީ ގޯސްކަމެކޭ ބުނަނީއެއްނޫނެވެ. ނަމަވެސް މައްސަލައަކީ އެންމެ ޕްރޮޖެކްޓެއްގެ ފަހަތުން އެންމެންނަށް އަބަދު ދުވެވޭތީ އެވެ.

ބޯޑާކޮންޓްރޯލް ސިސްޓަމްގެ މަޝްރޫއަށް ބަލާއިރު ސަރުކާރުގެ ފަރާތުން މަދުފަހަރަކު މެނުވީ އެ ޕްރޮޖެކްޓާ ދެކޮޅަށް ބަހެއްނުބުނެ އެވެ. އޭގެ ދިފާއުގައި ހުދު ރައީސް އާއި ތަރުޖަމާން ވެސް ކިތަންމެ ފަހަރަކު ވާހަކަ ދައްކަވާފައިވެ އެވެ. އަދި އެ ޕްރޮޖެކްޓް ހުއްޓުވަން އޭސީސީން ގޮވާލި ގޮވާލުންތަކަށް ބީރު ކަންފަތެއްދީ ސަރުކާރުން މިހާރު އޮތީ އެ ޕްރޮޖެކްޓްވެސް ނިންމާލައިފަ އެވެ. ނަމަވެސް ހިތާމައަކީ މުޅި ޕްރޮޖެކްޓް ނިންމާލި އިރު އެ އެގްރިމަންޓް ތަންފީޒު ކުރަން ވެސް ކުރެވުނު ކަމެއް ނެތުމެވެ. ޖީއެމްއާރުގެ އެގްރިމަންޓްގައި ތާށިވި ގޮތަށް ނެކްސްބިޒް އެގްރިމަންޓްގައި ވެސް ސަރުކާރު އޮތީ ތާށިވެފަ އެވެ.

ނަމަވެސް ސަރުކާރުގެ ބަސްމަގު ހުންނަ ގޮތުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ވެސް ރަންކޮށްފައި ވާހަކަ ދައްކާ މަންޒަރުފެނެ އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެ ޕްރޮޖެކްޓް ދިފާއުކުރައްވައި ޑރ. މުހަންމަދު އަލީ ވިދާޅުވީ ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ބޭނުން ކުރަން ފަށާފައިވާތީ ދެން އެ ސިސްޓަމް ހުއްޓާލަން ޖެހިއްޖެ ނަމަ ވާނެ ގޮތް ވެސް ނޭނގޭ ކަމަށެވެ. އަދި ވިދާޅުވަނީ ރާއްޖެ އަށް އެތެރެވާ މީހުންނާއި އަދި ރާއްޖޭން ބޭރަށްދާ ބިދޭސީންގެ ހުރިހާ މައުލޫމާތުތަކެއް މިހާރު ރެކޯޑް ކުރަމުން ގެންދަނީ ނެކްޒް ބިޒުން ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ކުރަނިކޮށް އަނެއްކާ ވެސް ކޯޓު އަމުރަކުން އެކަން ހުއްޓާލަން ޖެހިއްޖެ ނަމަ ރާއްޖޭގެ ބޯޑަރު ތޮއްޖެހިދާނެ ކަމަށެވެ.

"އެ ހިސާބުން ދެން ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ މެނުއަލްކޮށް، ކޮންމެ ދުވަހަކު 10 އަކާއި 17 ގާތްކުރާ އެތައް ފްލައިޓެއް ރާއްޖެ އަށް އަންނަ އިރު މެނުއަލްކޮށް އެ މަސައްކަތް ކުރަން ޖެހިއްޖެ ނަމަ ދެން ވާނެ ގޮތް ވިސްނަވާ! އެ ހިސާބަށް ދިޔައިމާ ދެން ނުކުންނާނެ މައްސަލަތައް ތަސައްވަރުވެސް ކުރެވޭނީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

މިގޮތަށް ވާހަކަ ހުރި އިރު އުފެދޭ ސުވާލަކީ ހަމަ ބޯޑާ ކޮންޓްރޯލްސިސްޓަމް ރަނގަޅީ ބާއެވެ. ނޫނީ ރާއްޖެ އަށް ހަމަ އެ ނޫންގޮތްތަކެއް ނެތީބާ އެވެ. ނުވަތަ އެކަމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޅިޔަނު އަދި ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހިމްގެ ކޮންޓްރޯލާކަމުގައި ކޮށްފައިވާކަމަކަށް ވުމުން މައްސަލައަކަށް ނުވަނީބާ އެވެ.
ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް މަސައްކަތްކުރަމުންދާ ގައުމީ އިއްތިހާދުގައި އިސްކޮށް މަސައްކަތްކުރާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމީމް ވިދާޅުވީ ޖީއެމްއާރަށް ފަހު ނެކްސް ބިޒްއާ ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކެންސަލް ކުރުމަށް ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށެވެ.

ޖީއެމްއާރް ދިވެހި ގައުމަށް ގެއްލުމަކަށް ވެފައިވާއިރު ޖީއެމްއާރްބޭރުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ފެހި ސިގްނަލްތަށް ދީފައިވާއިރުގައި ހިތާމައަކީ "ދަމަކުން ބަނޑިއެއް ޖަހާ" ފަދައިން ބޯޑާ ކޮންޓްރޯލް ކަމުނުދާ ކަމަށްބުނެ އެވާހަކަ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދެއްކި ނަމަވެސް އެކަމަށް އެއްވެސް އަމަލެއް ނުކުރާތީ އެވެ. ހަމަ ގައިމު ވެސް ސިޔާސީ ފިކުރާ އަމިއްލަ އެޖެންޑާ ދޫކޮށް ބަލާ ނަމަ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް މުހިންމުވާ ފަދައިން ދިވެހިންގެ މައި ދޮރާށި ވެސް ދިވެހިންނަށް ކިތެންމެހާ ވެސް މުހިންމެވެ.