އިންޓަމިލާނަށް ކުޅެމުން އަންނަ ހޮލެންޑްގެ މިޑްފީލްޑަރު ވެސްލީ ސްނައިޑާ އެޓީމުން ބޭރުކޮށްފި އެވެ.

އިންޓަމިލާނުން ބުނީ ސްނައިޑާ އަށް ދެން އެ ޓީމުގައި ކުޅުމުގެ ފުރުސަތުދޭނީ އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމުމުން ކަމަށެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ހާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވާ 28 އަހަރުގެ ސްނައިޑާ އާއި އިންޓަމިލާނާ ދެމެދު މައްސަލަ ޖެހުނީ އޭނާގެ މުސާރަ އުނިކޮށް ކޮންޓްރެކްޓަށް ބަދަލު ގެންނަން އެކުލަބުން ނިންމުމުންނެވެ. 2010 ވަނަ އަހަރު ސްނައިޑާއާއެކު އިންޓައިން ސޮއިކުރި އެގްރީމަންޓްގެ ދަށުން ހަފުތާއަކު އޭނާ އަށް 200000 ޕައުންޑް ލިބެ އެވެ. ނަމަވެސް އިންޓަގެ މުސާރައިގެ އާއޮނިގަނޑުގެ ދަށުން އެކުލަބުން ބޭނުންވަނީ އޭނާގެ މުސާރަ ކުޑަކުރާށެވެ.

"އަހަރުމެން އޭނާއާ ވާހަކަ ދައްކަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ. އަހަރުމެން ބޭނުންވަނީ އޭނާގެ ކޮންޓްރެކްޓް މޮޑިފައިކުރަން. މިކަމަށް އޭނާ އަށް ވަގުތުދޭން ބޭނުންވޭ. އޭނާ ވަކިގޮތެއް ނުނިންމަނީސް ދެން ޓީމަކުން ފުރުސަތު ނުލިބޭނެ،" ކުލަބުގެ ޑިރެކްޓަރު މާކޯ ބްރާންކާ ބުނެފައިވެ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން އިންޓަމިލާން އިޓާލިން ލީގާއި އިޓާލިއަން ސުޕާކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ޓީމުގައި މުހިންމު ދައުރެއް ކުޅުނު ސްނައިޑާ ގަތުމަށް 20 މިލިއަން ޕައުންޑް ހޭދަކުރަން މެންޗެސްޓާ ޔުނައިޓެޑް މިހާރު ވެސް އޮތީ ތައްޔާރަށެވެ. ނަމަވެސް އޭނާ ވިއްކާލަން އިންޓަމިލާނުން ކިޔަނީ 30 މިލިއަނެވެ. ނަމަވެސް ކޮންޓްރެކްޓްގެ މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ޖެނުއަރީ ޓްރާންސްފާގައި މިފަހަރު އޭނާ ވިއްކާލާނެ ކަމަށްވެ އެވެ.

އިޓާލިއަން ލީގުގެ ތިން ވަނާގައި އޮތް އިންޓަގެ ކޯޗު ސްޓަރަމަކިއޯނީ ބުނީ މި މައްސަލައަށް އަވަސް ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މިކަމުގެ ތެރެއަށް އޭނާ ނުވަންނަ ކަމަށެވެ.