27 Nov 2012, 02:45
ޗެލްސީގެ ކޯޗުކަމުގައި ރަފާ ބެނީޓޭޒް ކިތަންމެ ދުވަހަކު ހުއްޓަސް އޭނާ އަށް ރުހުމެއްނެތް ކަމަށާއި ދުވަހަކު ވެސް އޭނާ ގަބޫލު ނުކުރާނެ ކަމަށް ޗެލްސީގެ ސަޕޯޓަރުންގެ ގްރޫޕުން ބުނެފި އެވެ.
އެ ގްރޫޕުން ބުނީ ބެނީޓޭޒާމެދު ހިތްހަމަނުޖެހުން ފާޅުކުރުން އަދިވެސް ކުރިއަށް ގެންދާނެ ކަމަށާއި ބޭނުންވަނީ ކުލަބުގެ ވެރިންނަށް ސަޕޯޓަރުން އޭނާއާ މެދު ހިތްހަމަނުޖެހޭކަން ދެއްކުން ކަމަށެވެ.
އެ ގްރޫޕުން ބުނީ މެންޗެސްޓާ ސިޓީ އާއި ޗެލްސީ މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ސަޕޯޓަރުން ބެނީޓޭޒަށް ޖެއްސުންކޮށް، ހެދުމުން ޗެލްސީގެ މެނޭޖްމަންޓުން ސަޕޯޓަރުންނަށް ސިޓީއެއް ފޮނުވަން އުޅުނު ކަމަށެވެ. އަދި އެ ސިޓީގައި ކުލަބު ހިންގަނީ ސަޕޯޓަރުން ނޫން ކަމަށާއި މެނޭޖްމަންޓުން ކަމަށް ބުނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕުން އަދި ބުނީ ކޯޗަކު ކަނޑައަޅާނީ ސަޕޯޓަރުން ނޫން ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެ މީހުން ދުވަހަކު ވެސް ގަބޫލު ނުކުރާނެ ދެ ކޯޗަކު އެބަތިބި ކަމަށެވެ. އެއީ ބެނީޓޭޒް އާއި ޗެލްސީގެ ކުރީގެ ކޯޗު އިޒްރޭލުގެ އަވްރަމް ގްރާންޓެވެ. ނަމަވެސް ގްރާންޓް ގަބޫލުނުކުރާ ވަކި ސަބަބެއް ބުނެފައެއްނެތެވެ.
ސަޕޯޓަރުން ޖެއްސުންކޮށް ހެދުމުން ބެނީޓޭޒް ވަނީ އޭނާއަށް ސަޕޯޓަރުންގެ ރުހުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ. އަދި ޓީމު މޮޅުވާން ފެށުމުން އެކަން ބަދަލުވާނެ ކަމަށާއި އޭނާ ޗެލްސީގެ ސަޕޯޓަރުންނާ ބެހޭ ގޮތުން ލިވަޕޫލްގެ ކޯޗުކަމުގައި ހުރެ ވާހަކަދެއްކީ ޕްރޮފެޝަނަލްކޮށް ކަމަށް ވެސް ބުނެފަ އެވެ. މިހެންވެ އޭނާ އަށް އިހްތިރާމް ކުރުމަށް ވެސް ބެނީޓޭޒާއި ޗެލްސީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް ކެޕްޓަން ޖޯން ޓެރީ އިއްޔެ ވަނީ މަގާމުން ވަކިކުރި ކޯޗު ރޮބާޓޯ ޑިމަޓިއޯ އަށް ތާއީދު ކުރުމުގެ ގޮތުން 16 ނަންބަރު ޖާޒީގައި ޖަހައިގެން އިއްޔެ ޕްރެކްޓިސްކޮށްފަ އެވެ. 16 ނަންބަރަކީ ޑިމަޓިއޯ ޗެލްސީ އަށް ކުޅުނު ދުވަސްވަރު ބޭނުންކުރި ނަންބަރެވެ. ޗެލްސީގެ ސަޕޯޓަރުން ވަނީ ބެނީޓޭޒްގެ ފުރަތަމަ މެޗުގައި ޑިމަޓިއޯ އަށް ތާއީދުކޮށް އޭނާގެ 16 ނަންބަރު ޖާޒީ ވެސް ސްޓޭޑިއަމުގައި ދައްކާ ހަދާފަ އެވެ.