27 Nov 2012, 02:43
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނަށް 150 އަހަރު ފުރުން ފާހަގަ ކުރުމަށް ބްރެޒިލާއެކު އަންނަ ޖޫން މަހު ކުޅެން ހަމަޖެހިފައިވާ މެޗު ކުޅެން ހުއްދަ ދެވެން އަދި ނެތް ކަމަށް ފީފާއިން ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމާއަތުން މި ގޮތަށް ބުނީ މި މެޗު ކުޅެން ހަމަޖައްސަން އުޅޭ ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގެ ނުނިމޭތީ އެވެ. ފީފާގެ ބަޔާނުގައި ވަނީ ސްޓޭޑިއަމުގެ މަސައްކަތް ނުނިމެނީސް އަދި ސެކިއުރިޓީ އާއި ފެސިލިޓީސް ރަނގަޅު ކަމުގެ ޔަގީންކަން ނުލިބެނީސް މެޗު ކުޅެން ހުއްދަ ނުދެވޭނެ ކަމަށެވެ.
ބްރެޒިލްގައި ކުޅޭ މި މެޗަކީ އިނގިރޭސި އެފްއޭ އަށް 150 އަހަރު ފުރުން ފާހަގަ ކުރުމަށް ދެ ގައުމުން ވެފައިވާ އެގްރީމަންޓާ އެއްގޮތަށް ބްރެޒިލްގައި ކުޅެން ހަމަޖެހިފައިވާ މެޗެވެ. މި އެގްރީމަންޓްގެ ދަށުން ބްރެޒިލް ޓީމު ފެބްރުއަރީ މަހު އިނގިރޭސިވިލާތުގެ ވެންބްލީގައި މެޗެއް ކުޅޭނެ އެވެ.
މީގެ އިތުރުން އެފްއޭއަށް 150 އަހަރު ފުރުން ފާހަގަ ކުރުމަށް އިނގިރޭސި ޓީމު އަޔަލޭންޑާއެކު ވެސް މެޗު ކުޅޭނެ އެވެ. މިއީ ފާއިތުވެދިޔަ 17 އަހަރު ތެރޭގައި އިނގިރޭސި ޓީމު ޔުނައިޓެޑްކިންގްޑަމްގެ ދިދައިގެ ދަށުގައިވާ އަޔަލޭންޑަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ.