މަސްތުވާތަކެތީގެ މައްސަލައެއްގައި، ލަވަކިޔުންތެރިޔާ ހައިޝަމް މުހައްމަދު ރާޝިދު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.


ރެގޭ މިއުޒިކުގައި ފަހަކަށް އައިސް މަޝްހޫރު ކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ މ. ލޯހާ، ހައިޝަމް ގެ މައްޗަށް އިއްޔެ ޖަލު ހުކުމެއް ކުރިއިރު ޖިނާއީ ކޯޓުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ މައްސަލަ ބެލިއިރު ހައިޝަމް "ކެނެބިސް" އަށް ޕޮޒިޓިވްވެފައިވާކަން ސާބިތުވާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫުގެ ހަތަރުވަނަ މާއްދާގެ (ބ) ގެ ދަށުން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ. އަދި އަތުގައި މަސްތުވާތަކެތި ބެހެއްޓުމުގެ ކުށުގައި އިތުރު ފަސް އަހަރަށް، ޖުމްލަ 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށެވެ.


ހުކުމުގައި ބުނަނީ މި މައްސަލައިގައި ހެކިންގެ ބަހުންނާއި ހައިޝަމް ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ހުރި ދަބަހަކީ ހައިޝަމްގެ ދަބަހެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.


ހައިޝަމަކީ މިއުޒިކާއި ރާގު އުފެއްދުމާއި ލަވަކިޔުމުގެ ދާއިރާގައި ކުޑައިރުން ފެށިގެން މަސައްކަތްކޮށް ފަހަކަށް އައިސް ވިދާލާފައިވާ ފަންނާނެކެވެ.