ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތް ރޭ ކެރަމް ހޯލުގައި ފަށައިފި އެވެ.

މިމަހު ފަންސަވީހުން އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުރިޔަށް ގެންދާ މިމުބާރާތުގައި ޖުމްލަ 10 ޓީމަކާއެކު އިންޑިވިޖުއަލް އިވެންޓް ތަކުގައި 98 ކުޅުތެރިޔަކު ބައިވެރިވެފައިވެ އެވެ.
މިމުބާރާތުގެ ޕްރިމިއާ ޑިވިޝަންގެ އަންހެން ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމި ފައިނަލަށް ހޮވިފައިވަނީ އެސްޓީއޯގެ ޓީމާއި އަދި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާގެ ޓީމެވެ. ޕްރިމިއާ ޑިވިޒަންގެ ފިރިހެން ޓީމް އިވެންޓުގެ ގްރޫޕު ސްޓޭޖްގެ މެޗްތައް ނިމި ސެމީފައިނަލުންވެސް ޓީމުތައް ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ.

ޕްރިމިއާ ޑިވިޝަންގެ ފިރިހެން ޓީމް އިވެންޓްގެ ސެމީފައިނަލް ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ، ދިވެހި ސިފައިންގެ ކުލަބާއި މޯފާ ރިކްރިއޭޝަން ކުލަބެވެ. ސެމީފައިނަލް ދެވަނަ މެޗްގައި ބައްދަލުކުރާނީ، އެސްޓީއޯ އާއި ސްޕޯޓްސް ކުލަބް ފީނިކްސް އެވެ.

މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ކުޅުންވެސް މިރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ޑިވިޒަނަކަށް ބަހާލައިގެން ބޭއްވޭ މި މުބާރާތުގެ ޕްރިމިއާ ޑިވިޝަންގައި ޓީމް އިވެންޓާއި ސިންގަލްސް އަދި ޑަބަލްސް އިވެންޓު ބޭއްވުމަށް ހަމަޖެހިފާއިވާކަމަށާއި، މުބާރާތުގެ ދެވަނަ ޑިވިޝަންގައި ކުޅޭނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ކަމަށް ކެރަމް އެސޯސިއޭޝަން އިން ބުންޏެވެ. މީގެ އިތުރުން ދެޑިވިޝަންގެ ކުޅުންތެރިން އެއްކޮށް މިކްސްޑް ޑަބަލްސް އިވެންޓެއް ބޭއްވުމަށް ހަމަޖައްސާފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.