އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ކޮންޓްރަކްޝަން ސައިޓްތަކާއި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން ރޯޑް ވާދިނަސް ހަމަވެފައިވެފައިވާ އުޅަދުތައް ނޫނީ އެހެން އުޅަދުތައް ދުއްވުން މަނާނުކުރެވޭނެ ކަމަށް ކަނޑައަޅައި މިދިޔަ އަހަރު ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ގާނޫނީ ވަކީލް އިދުހާމް މުއިއްޒު އަދުނާނު ސިވިލް ކޯޓުގައި ދައުވާ ކުރި އެ މައްސަލައިގައި އެ ކޯޓުން އޭރު ހުކުމް ކޮށްފައިވަނީ ރޯޑް ވާދިނަސް ނުހަދައިގެން ރޯޑް ވާދިނަސް ބާތިލުވެފައިވާ ވެހިކަލްތަކުގެ ތެރެއިން "އެއްގަމު ދަތުރުފަތުރަށް ބޭނުންކުރާ ވެހިކަލްތައް ދުއްވުން މަނާ ނުކުރެވޭނެ" ކަމަށެވެ.

ހައިކޯޓުގެ ތިން ފަޑިޔާރުން ކަމަށްވާ އައްބާސް ޝަރީފާއި ޔޫސުފް ހުސެއިން އަދި ޑރ. އަޒްމިރަލްދާ ޒާހިރު އެ މައްސަލަ ބެއްލެވުމަށް ފަހު މިއަދު ކުރެއްވި ހުކުމުގައި ބުނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ރ) ގައި ބުނާ "އާންމު ދަތުރުފަތުރުގެ ނިޒާމު" އަކީ ކޮބައިތޯ ބަލާއިރު "އާންމު ދަތުރުފަތުރު" އާންމު ދަތުރުފަތުރުގެ ނިޒާމް" "އެއްގަމު ދަތުރުފަތުރު" އަދި "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" ގެ އިބާރާތް ގާނޫނުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި "އާންމު ދަތުރުފަތުރުގެ ނިޒާމް" އާއި "އާންމު ދަތުރުފަތުރު" ގެ ދެ އިބާރާތް ގާނޫނުގައި މާނަކޮށްފައި ވަނީ ހާއްސަ މާނައެއްގައި ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"އެ ހުކުމްގައި ބުނަނީ އާންމު ދަތުރުފަތުރުގެ ނިޒާމް" އަކީ "އާންމު ދަތުރުފަތުރު" ގެ މާނައިގެ ތެރޭގައި ހިމެނޭ އުޅަނދުފަހަރުން ކުރާ ދަތުރުތައް ކަމަށް "ފުރަތަމަ ނަޒަރުން ބަލާއިރު" ފެނުނު ކަމުގައި ވިޔަސް ގާނޫނެއް މާނަކުރުމުގައި އެ ގާނޫނެއް އެކުލަވައިލި މަގުސަދަށް ނުވަތަ އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލު ވާނޭ ގޮތަށް މާނަކުރަން އިސްކަން ދޭންޖެހޭނެ ކަމަށެވެ.

"މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު" ބުނާގޮތުން އެ ގާނޫނެއްގެ މަގުސަދު ހާސިލު ނުވާނެ ގޮތަކަށް އެ ގާނޫނެއް މާނަކުރެވިގެން ނުވާނެ ކަމަށް ވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމްގައި ވެއެވެ.

މީގެއިތުރުން "އެއްގަމު ދަތުރުފަތުރު" އަދި "އާންމު ދަތުރުފަތުރު" ތެރޭގައި ހިމެނޭ އުޅަނދުތަކުގެ ރޯޑްވާދިނަސް ހަދަން ނުޖެހޭނެ ކަމަށް ބުނާ ނަމަ ޓްރެފިކްގެ ގަވާއިދާ ހިލާފުވާ އެ ގިންތިއަށް ފެތޭ އުޅަނދުތަކާ މެދު ފިޔަވަޅު ނޭޅި ގާނޫނުގެ މަގުސަދު ގެއްލިދާނެ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.