ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި ވަޒީރުން އަދި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ މައްޗަށް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ އާންމު ކޮމެޓީން އަނެއްކާވެސް ނިންމައިފި އެވެ.

އެ ވޯޓުތައް ސިއްރުކުރަން އެ އިސްލާހު މަޖިލީހަށް ވެއްދި މިއީ ދެ ވަނަ ފަހަރެވެ. މިފަހަރު އެ އިސްލާހު މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.

އާންމު ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވީ ވޯޓުތައް ސިއްރު ކުރުމުގެ އިސްލާހު މިއަދުގެ ކޮމެޓީގައި ފާސްވީ ކޮމެޓީއަށް އެ ވަގުތު ވަޑައިގެން ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި ބާކީ ތިއްބެވި، މެންބަރުން ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރިޕޯޓް ނިމުނުހާ އަވަހަކަށް އަނެއްކާވެސް އެ މައްސަލަ އަޅުގަނޑުމެން މަޖިލީހުގެ ތަޅުމަށް ފޮނުވާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 167 މާއްދާއަށް ގެންނަން ފެންނަ ކަމަށް އިބްރާހިމް ރަޝީދު ހުށަހެޅުއްވި އޭނާ އިސްލާހުގައި ބުނަނީ މަޖިލީހުގެ ތަޅުމުގައި އާއި ކޮމެޓީތަކުގައި ރައީސް އާއި ނައިބު ރައީސް އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން މަގާމުން ދުރުކުރުމަށް ނަގައި އިތުބާރު ނެތް ކަމުގެ ވޯޓުތައް ނަގަންވާނީ ސިއްރުކޮށްގެން ކަމަށެވެ. އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މާހައުލު އޮތްގޮތުން މެންބަރުން ވޯޓުދެއްވުމުގައި މިނިވަންކަމާއި ރައްކާތެރި ކަމާއި އެކު ވޯޓުދިނުމަށް އެކަށީގެންވާ މާހައުލެއް މެންބަރުންނަށް ކަށަވަރުކޮށްދިނުން ކަމަށެވެ.

އެ މައްސަލަ މީގެ ކުރިން މަޖިލީހަށް ވެއްދީ އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒެވެ. އެ އިސްލާހު މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވުމުން މި ހަފްތާ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ އިސްލާހަށް މެންބަރުންގެ ތާއީދެއް ނުލިބުނެވެ. ވޯޓު ސިއްރުކުރުމަށް އެމްޑީޕީން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީން މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގަ އެވެ.